އެއާޕޯޓް މައްސަލާގައި ހިތްހަމަ ނުޖެހި މާވަށުން ޕީއެންސީ އިންތިޚާބަށް ނުކުތީ މަދުބައެއް
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބު އިއްޔެ ބޭއްވުނު އިރު، އެ ޕާޓީއަށް ބޮޑު އަޣްލަބިއްޔަތެއް އޮންނަ ލ. މާވަށުން މި އިންތިޚާބުގައި ވޯޓުލީ އެންމެ 19 މީހުންކަމަށާއި އަދި އެހާ މަދުން މީހުން ވޯޓުލާފައިވަނީ މާވަށުގައި އެއާޕޯޓެއް އަޅަން ރައީސް ޑރ މުހައްމަދު މުއިއްޒު ވި ވައުދާއި ޚިލާފުވުމުން ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފިއެވެ. ލ. މާވަށަކީ މި ސަރުކާރަށް ތާއީދުކުރާ ބޮޑު އަޚުލަބިއްޔަތެއް އޮންނަ ރަށެކެވެ. އެގޮތުން މާވަށުގައި ޕީއެންސީގެ ދަފްތަރުގައި އެކަނިވެސް 600 އަށްވުރެ ގިނަ މެމްބަރުން ތިބެއެވެ. އަދި އެއީ އެންމެ ފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑިއެއް އެ ޕާޓީން ކާމިޔާބުކުރި ރަށެކެވެ. https://www.sun.mv/223962 ނަމަވެސް، އިއްޔެގެ އިންތިޚާބުގައި ޖުމްލަ 19 ވޯޓު އެޅިފައިވުމަކީ ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ރަށު ރައްޔިތުން ފާހަގަކުރެއެވެ. މި ނިންމުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ރަށުގެ ރައްޔިތުން ފާހަގަކުރަނީ މާވަށު ކައިރީގައި އެޅުމަށް ވައުދުވި އެއާޕޯޓު އިސްދޫ ސަރަހައްދަށް ބަދަލުކުރުމެވެ. އެއާޕޯޓް މައްސަލައިގެ އިތުރުން، މާވަށު ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު އަހުމަދު އާސިމް ދާއިރާގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހެޅި ފޯމު އެއްވެސް ސަބަބެއް ބަޔާންނުކޮށް ރެޖެކްޓުކޮށްލި މައްސަލަ ވެސް ވަނީ ހޫނުވެފައެވެ. އާސިމް "ސަން"އަށް ވިދާޅުވި ގޮތުގައި، އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައީ ކަމާ ނުބެހޭ މީހެއްގެ ނުފޫޒުންނެވެ. އަދި އެއީ މާވަށުގެ އިތުރުން ދާއިރާގެ ވެސް އެއްވެސް މީހެއްގެ ތާއީދެއް އޮތް ފަރާތެއް ނޫނެވެ. އާސިމް ވިދާޅުވި ގޮތުގައި އިއްޔެ ކުރިއަށް ދިޔަ އެ އިންތިޚާބު ބޭއްވީ އެ ރަށުގައި ތިބި ޕީއެންސީ މެމްބަރުން ބާކީކޮށްލާފައެވެ. "އަހަރެމެން ތިބީ ބާކީކޮށްފައި. ކަމާ ނުވެސް ބެހޭ މީހެއްގެ ނުފޫޒުން އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައީ. އަޅުގަނޑު ދާއިރާގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހެޅި ފޯމު ވެސް އެއްވެސް ސަބަބެެއް ބަޔާންނުކޮށް އެންމެ ފަހު ވަގުތު ރިޖެކްޓް ކޮށްލާފައިވަނީ. އެކަމާ ހިތްހަމަ ނުޖެހި ގިނަބަޔަކު ވޯޓުލާން ވެސް ނުދޭ،" އާސިމް ވިދާޅުވިއެވެ. https://www.sun.mv/223858 މައުލޫމާތު ލިބިފައިވާ ގޮތުގައި މާވަށު ދާއިރާގެ ރައީސަކަށް މިހާރު ހުންނެވީ އެ ރަށާ އެއްވެސް ގުޅުމެއް ނެތް، ދުރު ރަށެއްގެ މީހެކެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ އެއްވެސް ވޯޓަކާ ނުލައި، ދާއިރާގެ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތި ކަމަށް ވަނީ އެނގިފައިއެވެ. އާސިމް ޖުލައި މަހުގެ ކުރީކޮޅު ހުށަހެޅި ފޯމު ރިޖެކްޓުކުރި މައްސަލައިގައި ޝަކުވާ ހުށަހެޅި ނަމަވެސް، ޕާޓީގެ ލީޑަޝިޕުން އެކަށީގެންވާ ޖަވާބެއް އެކަމަށް އަދިވެސް ދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަމަކާއި އެކު އާސިމް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ދާޅުކޮށްފައިވާއިރު، އެއާޕޯޓުގެ މައްސަލައިގައި މާވަށު ރައްޔިތުން ވަނީ މީގެ ކުރިންވެސް އިހުތިޖާޖުކޮށް، ސަރުކާރުގެ ނިންމުމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އިއްޔެ ބޭއްވުނު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި، ސަރުކާރުން ބޭނުންވި ގޮތާ ދެކޮޅަށް މާވަށުން ވަނީ ބޮޑު ނަތީޖާއެއް ނެރެފައެވެ. މި އިންތިޚާބުގެ ނަތީޖާއާއެކު، މާވަށު ރައްޔިތުން ވަނީ އެއާޕޯޓުގެ މައްސަލައިގައި ސަރުކާރުން ވީ ވައުދާ ޚިލާފުވުން ބަލައިނުގަންނާނެ ކަމުގެ ސާފު މެސެޖެއް ޕީއެންސީގެ ލީޑަރޝިޕަށް ފޮނުވާފައެވެ. ސަރުކާރަށް އޮތް ތާއީދު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ އަޑު އެހުމަކީ މުހިންމު ކަމެއް ކަމަށް މާވަށު ރައްޔިތުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ