ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި، ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން މޮޅުވެއްޖެ އެވެ.
މިއީ، ބައިނަލްއަގުވާމީ ހޭންޑްބޯޅައިގައި ރާއްޖޭން އަމިއްލަ ފަސްގަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި، ޖުމްލަކޮށް ބަލާއިރު ދެ ވަނަ މޮޅެވެ. މިދިޔަ މެއި މަހު ރާއްޖޭން ވަނީ އޮމާންގެ މަސްކަޓުގައި ކުޅުނު އޭޝިއާގެ ހޭންޑްބޯޅަ މުބާރާތުގެ ރޭންކިން މެޗެއްގައި ހޮން ކޮންގް އަތުން މޮޅުވެފަ އެވެ.
މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި، ރާއްޖެ ހިމެނޭ ގޮތަށް ހަ ގައުމަކުން ވާދަކުރެ އެވެ. ހާއްސަ ރަސްމިއްޔާތަކުން މުބާރާތް މިއަދު ފެށިއިރު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އާއި ކޮމަންވެލްތުގެ އިސް ފަރާތްތަކާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މުބާރާތަށް ހާއްސަކޮށް ގާއިމްކުރި، ކުޅުދުއްފުށީ ސިޓީ ބީޗް ހޭންޑްބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެޓުގައި ރާއްޖޭން ރަނގަޅަށް ކުޅެ، މުހިންމު ވަގުތުތަކުގައި ތަފާތު ރޫހަކާ އެކު، ޓީމު ވޯކު ދައްކައި، 28-24 ގެ ނަތީޖާއަކުން ލީޑެއް ހޯދި އެވެ. އޭގެ ފަހުން، ލަންކާ އިން ދެ ވަނަ ސެޓުގައި، ކުޅުން ބޮޑުތަނުން ރަނގަޅުކޮށް، އަށް ޕޮއިންޓުގެ ލީޑަކާ އެކު، 34-26 އިން ކާމިޔާބުކުރި އެވެ.
ދެ ޓީމު ސެޓުގެ ނަތީޖާ އިން އެއްވަރުވެ، މޮޅުވާނެ ޓީމެއް ކަނޑައަޅަށް ކުޅުނު، ޝޫޓްއައުޓް ސެޓުން ރާއްޖެ ކުރިހޯދީ، 7-4 އިންނެވެ. މެޗުގައި، ރާއްޖެ ޓީމަށް ތަފާތެއް ދައްކައި، މޮޅު ކޮށްދޭން އިސް ރޯލެއް ކުޅުނު އަހުމަދު ރަޒްނީ މުހައްމަދަށް ވަނީ މޮޅު ކުުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ.
ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރާނީ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އަދި ދެކުނު އެފްރިކާ އެވެ. ލީގު ބުރުގައި ކޮންމެ ޓީމެއް އެއް ފަހަރު ބައްދަލުކޮށް، އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެއް ސެމީ އަށް ދަތުރުކޮށް، ފަހަތުން ނިންމާ ދެ ޓީމުން ރޭންކިން މެޗެއް ކުޅޭނެ އެވެ.
މުބާރާތުގައި ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި، މާދަމާ ހެނދުނު 8 ޖަހާއިރު، ދެކުނު އެފްރިކާއާ ކުޅޭނެ އެވެ. ތިން ވަނަ މެޗުގައި މާދަމާރޭ ޕާކިސްތާނާ ބައްދަލުކުރާއިރު، ހޮނިހިރު ދުވަހު ހަވީރު، 4:15 ގައި ބަންގްލަދޭޝާ ކުޅެ، ލީގު ބުރުގެ ފަހު މެޗުގައި، ހޮނިހިރު ދުވަހުގެރޭ، 10 ޖަހާއިރު، އިންޑިއާއާ ކުޅޭނެ އެވެ.
ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭން ފުރަތަމަ މޮޅު ހޯދައިފި ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭން ފުރަތަމަ މޮޅު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ