ގުނބޯ ވަޒީރުން އަޅިބުރުވާ ވަރަކަށް ވެއްޓޭލެއް ވާނީ އަވަސް!

ފުއްޕި ހަކުރަށް ނަށާ ގުނބޯ ތަކެކޭ މުއިއްޒުގެ ވަޒީރުންނެކޭ އެއްވެސް ތަފާތެއް ނެތެވެ. ނުކިއްސަރު ގޮތަކަށް މީހަކު ކަރުކެހެލިޔަސް މޮޔަ ގެރިތަކަކަށް ރަތް ފޮތިގަޑެއް ފެނިގެން އުޅުމެކޭ ތަފާތެއް އެވެރިންގެ ނުހުރެއެވެ. ދަތްކުނޑި ވިކި އަތްފައި ބަޅާބޫޅިވެ ފަޔަށް ހިނި އަރައިގެން ތެޅެ ފޮޅެން ފަށައެވެ. ބޮލު ރޮދި ކެނޑިގެން ވެއްޓެންދާ ރާރާ ގުޑިއެކޭ މުއިއްޒު ސަރުކާރެކޭ ތަފާތެއް ނެތެވެ. 
ވަޒީރުން އެމީހުންގެ މަގާމުގެ ގާނޫނީ ވާޖިބުތައް ބަހައްޓާފައި އެއް ރޮއްޖަށް ފޫގަޅައިގެން އެ ތިބެނީ ސޯޝަލް މީޑިއާގައި ދިފާއަށް ކުޅޭށެވެ. 5 އަހަރުގެ ދައުރަކުން 2 އަހަރު ނިމިގެން މިދަނީ ކުރީ ސަރުކާރު ކިޔާލަ ކިޔާލާ ތިއްބައެވެ. ދެންމެ ދެންމެ ވެރިކަން ވެއްޓިދާނޭ ކަމަށް ގަންނަ ބިރެއްގެ ބޮޑުކަމުން މަގާމުގެ ޒިންމާ އަދާނުކޮށްވެސް ބަދަލު ހިފުމާއި ޖަދަލު ކުރުންނޫން ކަމެއް ވަޒީރުންނަށްވެސް ނުއޮންނަނީތާއެވެ. 
ގައުމީ މަސްލަހަތުގައި ކިތަންމެ ކުޑަނަވެސް އެއްޗެއް ކުރީގެ ރައީސަކު ބުނެލިޔަސް އެދެން ހަތަރެސްކަން ހަމަވީއެވެ. މުޅި ސަރުކާރު ދިފާއަށް ފައިބާ ރާގު ރާގަށް ހަމައެޅުވުން ނޫން ކަމެއް އެ ދެތިން ދުވަހު ކުރާކަށް އެހެން ކަމެއް ސަރުކާރަކަށް ނޯވެއެވެ. ވާނީވެސް އެހެންތާއެވެ. އަބަދުމެ ތިބެނީ ވެއްޓިދާނެ ކަމަށް ބިރުން ތުރުތުރު އަޅައަޅައެވެ. 
ރައްޔިތުންގެ ލޯތްބާއި އިތުބާރު ގެއްލިފައިވާ މުއިއްޒު ސަރުކާރު، ރައީސް ސޯލިހާއި އެމްޑީޕީދެކެ މިގަންނަނީ ހާދަ ބިރެކެވެ. މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޕޯސްޓެއް ހަޖަމު ނުވެގެން މުއިއްޒުގެ ވަޒީރުންގަޑު ހީވީ އުޑުބޮލަށް ވެއްޓެން އުޅޭހެންނެވެ. މީޑިއާގެ ރޮނގުން އުޑެއް ބުޑެއް ނޭނގިތިބެ އަބުރު ބޮލަށްލައިގެން އަމިއްލައަށް ބަރަހަނާ ވިޔަސް ހެޔޮތާއެވެ. ޖަހާ ކޮންމެ ބޯޅައެއް ބައިކޮޅަށްވަދެ ބޮލާފޮށާ އެޅުނަސް ކޯތެޅުވެނިކޮށް ނިމުނީތާއެވެ. 
މުއިއްޒު ރުއްސުމަށްޓަކާ ގުނބޯ ހެދިގެން ތިޔަހެން ބުރުވާ އަޅިއަކުން ޢާއްމު ރައްޔިތުންގެ ކުރިމަތީގައި ހީލަތުގެ ފަރުދާއެއް މިހާރަކު ނުދެމޭނެއެވެ. ރައީސް ޔާމީނުގެ ހިޔަނިން ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައިސް އިންޑިއާ ސިފައިންގެ ޔުނީފޯމް ބޭލިހެން އަބަދު އޮޅުވާލެވޭނެ ކަމަށް ހީނުކުރާށެވެ. މުއިއްޒު ރުއްސާ ލޮއްސަން ޖަހާހާ ބެރަކަށް ނަށާނީ ގުނބޯ ވަޒީރުންނާއި ކުލީ ކަލާސީންނާއި ގަހުރަމާނުންނެވެ. ގުނބޯ ވަޒީރުން އަޅިބުރުވި ވަރަކަށް ވެއްޓޭލެއް ވާނީ އަވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ