އައިއޭއީއޭއަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން އީރާނުން ބާތިލުކޮށްފި
ތެހެރާން (21 އޮކްޓޯބަރު 2025): އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމަށް އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަގުވާމީ އިދާރާ "އައިއޭއީއޭ"އާ އެކު އެންމެ ފަހުން ސޮއިކުރި އެއްބަސްވުން އުވާލިކަން އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވި ގޮތުގައި އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު މި މަހުގެ 18 ވަނަ ދުވަހު ހަމަވެފައިވާތީއާއި މި އެއްބަސްވުމަށް ހުޅަނގުގެ ގައުމުތަކުން އަމަލުނުކުރާތީއާއި އީރާނުގެ ނިއުކްލިޔާ ހައްގުތައް ގަބޫލުކޮށް އެ ހައްގުތައް ރައްކާތެރި ކުރުމުގައި "އައިއޭއީއޭ" ފެއިލް ވެފައިވާތީ މި ދިޔަ ސެޕްޓެންބަރު މަހު "އައިއޭއީއޭ"އާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފިއެވެ. މި އެއްބަސްވުމުގައިވާ ގޮތަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ވަދެ އެތަންތަން ބަލައި ފާސްކުރުމުގެ ފުރުސަތު "އައިއޭއީއޭ"އަށް ދެން ނުލިބޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ މަތީ މަޖިލިސް ބުނާގޮތުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު ދެން ދެވޭނީ އީރާނުގެ ނިއުކްލިޔާ ހައްގުތައް ރައްކާތެރި ކުރެވޭފަދަ އައު ނިޒާމަކަށް "އައިއޭއީއޭ" އެއްބަސްވުމުންނެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ހަލާކުކޮށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލުމަށްޓަކައި މި އަހަރުގެ ޖޫންމަހު އިސްރާއީލުން 12 ދުވަސްވަންދެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އަދި، އިސްރާއީލުގެ އެދުމުގެ މަތިން އެމެރިކާއިން ވެސް އެންމެ ފަހު ވަގުތު އީރާނުގެ ނިއުކްލިޔާ ދެ މަރުކަޒަކަށް ބޮންއެޅިއެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން މި އުދުވާން ހިންގުމުން ވެސް "އައިއޭއީއޭ"އިން އެކަން ކުށްވެރިކޮށްފައިނުވާތީ އީރާނުންވަނީ "އައިއޭއީއޭ"އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އީރާނުން ސޮއިކޮށްފައިވާ ނިއުކްލިޔާ ފެތުރުން މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާގައިވާގޮތުން އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުގެ ނިއުކްލިޔާ މަރުކަޒުތައް ހިމާޔަތް ކޮށްދިނުމަށް "އައިއޭއީއޭ" މަސައްކަތް ކުރަންޖެހެއެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކޮށްގެން ހޯދާ ނިއުކްލިޔާ ސިއްރު މައުލޫމާތުތައް އިސްރާއީލަށް ސިއްރިޔާތުގައި ފޯރުކޮށްދީ އީރާނަށް ޖާސޫސުކޮށްދޭކަމުގެ ތުހުމަތު ވެސް ވަނީ "އައިއޭއީއޭ"ގެ މައްޗަށް ކުރެވިފައެވެ. "އައިއޭއީއޭ"ގެ މި އަމަލުތަކާ ގުޅިގެން އީރާނުގެ ޕާލަމެންޓުންވަނީ އެ އެޖެންސީއަށް އެއްބާރުލުން ދިނުން މަނާކުރާ ބިލެއް ފާސްކޮށްފައެވެ. މި ބިލު ބުނާގޮތުން އެއްބާރުލުން ދޭންޖެހިއްޖެ ހާލަތެއްގައި ވެސް އެކަންކުރާނީ އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ޚާއްސަ ހުއްދައާއެކު އެމަޖިލީހުގެ ސީދާ ބެލުމުގެ ދަށުން އަދި އެ މަޖިލީހުން ކަނޑައަޅާ ތަނެއްގައެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްއާ ދެކޮޅަށް އދ. އިން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް އަލުން އިއާދަކޮށްފިނަމަ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވާންޖެހިދާނެކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ. ނަމަވެސް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅަނގުގެ ބޮޑުތިން ބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުންވަނީ އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ދެކޮޅަށް 2015 ވަނަ އަހަރުގެ ކުރީގައި އދ. ން އަޅާފައިވާ ފިޔަވަޅުތައް އަލުން އިއާދަކޮށްފައެވެ. މި ފިޔަވަޅުތައް އިއާދަކުރި ޕްރޮސެސް ކުރިއަށް ގެންދިޔައީ އީރާނަށް ތާއީދުކުރާ ޗައިނާއާއި ރަޝިއާއަށް ވީޓޯ ކުރުމުގެ ފުރުސަތު ނޯންނަ ގޮތެއްގެ މަތިންނެވެ. އެހެންކަމުން ޗައިނާއާއި ރަޝިއާއިން ވަނީ އދ. މެދުވެރިކޮށް ހުޅަނގުގެ ބާރުތަކުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ދެކޮޅަށް އަލުން އިއާދަކުރި ފިޔަވަޅުތަކަކީ ބާތިލު ފިޔަވަޅުތަކެއްކަމަށް ބުނެފައެވެ. އެހެންކަމުން އިއާދަކުރި ފިޔަވަޅުތަކަށް ޗައިނާއާއި ރަޝިއާ އަމަލުކުރަމުން ނުދާކަމަށްވެއެވެ. ފިޔަވަޅުތައް އިއާދަ ކުރުމަށް ފަހު ވެސް ޗައިނާއާއި ރަޝިއާ ގެންދަނީ ކުރިއެކޭ އެއްގޮތަށް އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތަކާއި ނިއުކްލިޔާ މުއާމަލާތްތަކާ އަދި ހަތިޔާރުގެ މުއާމަލާތްތައް ވެސް ކުރަމުންނެވެ. މީގެ ތެރެއިން ނިއުކްލިޔާ މުއާމަލާތްތަކާއި ހަތިޔާރުގެ މުއާމަލާތްތަކަކީ އިއާދަކުރި ފިޔަވަޅުތަކުގައި މަނާކޮށްފައިވާ ކަންކަމެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމުން ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވާނެކަމުގެ އިންޒާރު އީރާނުން ކުރިން ދީފައިވީ ނަމަވެސް އެ މުއާހަދާއިން އީރާން އަދި ވަކިވެފައެއް ނުވެއެވެ. ނަމަވެސް، އެ މުއާހަދާއާ އެއްގޮތަށް މިހާރު އީރާނުން އަމަލެއް ނުކުރެއެވެ. އެ މުއާހަދާގައި ބުނާގޮތަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު "އައިއޭއީއޭ" ދިނުމަށް ދެކޮޅު ހަދައި އީރާނުންވަނީ އެކަން މަނާކޮށްފައެވެ. މުރާސިލުން ބުނާގޮތުގައި އީރާން މިހާރު ގެންގުޅެން ފަށާފައިވަނީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން ސީދާ ވަކިނުވެ، އެ މުއާހަދާގައި ވާކަންކަމަށް އަމަލުނުކުރުމުގެ ސިޔާސަތެކެވެ. މިދިޔަ ޖޫންމަހު އިސްރާއީލާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ ހިންގި އުދުވާނަށް ފަހު އީރާނުން ވަނީ އެ ގައުމުގައި ތިބި "އައިއޭއީއޭ"ގެ ހުރިހާ އިނިސްޕެކްޓަރުން އެ ގައުމުން ފޮނުވާލާފައެވެ. އެއަށް ފަހު "އައިއޭއީއޭ"ގެ އެއްވެސް އިނިސްޕެކްޓަރަކަށް އީރާނުގެ ނިއުކްލިޔާ އެއްވެސް މަރުކަޒެއް ބަލައި ފާސްކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ