ވީއެމްއޭގައި ގާގާ އާއި އާރިއާނާ

މިއުޒިކް ވީޑިއޯތަކަށް އަމާޒުކޮށްގެން ދޭ އެންމެ ވަރުގަދަ އެއް އެވޯޑު ކަމަށްވާ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގެ މި އަހަރުގެ އެންމެ ބޮޑެތި އެވޯޑުތައް ލޭޑީ ގާގާ އާއި އާރިއާނާ ގްރާންޑޭ ހޯދައިފިއެވެ. ކޮންމެ އަހަރެއްގައި ވެސް ފަންނާނުން ރިލީޒްކުރާ މިއުޒިކް ވީޑިއޯއާއި އަލްބަމްތަކަށް އަމާޒުކޮށްގެން އެމްޓީވީން ދޭ މި އެވޯޑަކީ ބޮޑު އެވޯޑެކެވެ. ހޮލީވުޑްގެ އިތުރުން އެހެން ސަރަހައްދުތަކުގެ މިއުޒިކް ވެސް މި އެވޯޑުގައި ހިމަނައެވެ. މި އަހަރުގެ އެވޯޑަށް އެންމެ ގިނަ ނޯމިނޭޝަނާއެކު ގޮސްފައިވަނީ ގާގާއެވެ. އޭނާ ވަނީ 12 އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. އޭގެތެރެއިން ހަތަރު އެވޯޑެއް އޭނާ ކާމިޔާބު ކޮށްފައިވެއެވެ. އެއާއެކު އޭނާއަށް ވީއެމްއޭގެ އެވޯޑުތަކުގެ އަދަދު މިހާރު 22 އަށް އެރީއެވެ. އެއާއެކު އެވޯޑުގެ ތާރީހުގައިވެސް އެންމެ ގިނަ އެވޯޑު ލިބުނު ފަންނާނުންގެ ލިސްޓުގެ ތިންވަނައަށް ގާގާ އެރީއެވެ. ގާގާ ކާމިޔާބުކުރި އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު އާޓިސްޓާއި އެންމެ މޮޅު އަލްބަމް ހިމެނެއެވެ. އަހަރުގެ މިއުޒިކް ވީޑިއޯ އެވޯޑާ ހަވާލުވާން އާރިއާނާ ސްޓޭޖަށް އަރައި--- އެވޯޑު ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަހަރުގެ މިއުޒިކް ވީޑިއޯ އެވޯޑު ކާމިޔާބު ކުރީ އާރިއާނާއެވެ. އާރިއާނާ އަށް އެ އެވޯޑު ލިބިފައިވަނީ އޭނާ ކުުރުފިލްމު ސްޓައިލަށް ނެރުނު މިއުޒިކް ވީޑިއޯ "ބްރައިޓާ ޑޭސް އަހެޑް" އަށެވެ. އާރިއާނާ އާއި ސެބްރީނާ ކާޕެންޓާ އަށް ވަނީ ތިން އެވޯޑު މި ހަފުލާގައި ލިބިފައެވެ. މިއަހަރުގެ އެވޯޑު ހަފުލާގައި ގިނަ އެވޯޑުތައް ގެންގޮސްފައިވަނީ އަންހެން ފަންނާނުންނެވެ. އޭގެތެރޭގައި ޓޭޓް މެކްރޭ އާއި ބްލެކްޕިންކް މެމްބަރު ރޮސޭގެ އިތުރުން އަންހެން ގްރޫޕު "ކެޓްސްއައި" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ