ވޯލްޑް ރެސްލިންގ އެންޓަޓެއިންމަންޓް (WWE) ގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ ރެސްލްމޭނިއާ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުމަށް ނިންމައިފި އެވެ.
ފުރަތަމަ ފަހަރަށް ނޯތު އެމެރިކާއިން ބޭރުގައި، ރެސްލްމޭނިއާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ތެރޭގަ އެވެ. މިއީ ރެސްލްމޭނިއާގެ 43 ވަނަ އިވެންޓެވެ.
މި އިވެންޓް އިޢުލާންކުރުމުގެ ރަސްމިއްޔާތުގައި ޓްރިޕަލް އެޗް އާއެކު ރިޓަޔަރޑް ރެސްލަރުންކަމަށްވާ ޝޯން "ދަ ހާޓްބްރޭކް ކިޑް" މައިކަލްސް އަދި މާކް "ދަ އަންޑަރޓޭކަރ" ކަލަވޭ ގެ އިތުރުން މިހާރުގެ ރެސްލަރުންކަމަށްވާ ކުއީން ޝާލޮޓް ފްލެއަރ، ބިއަންކާ ބެލެއަރ، ލިވް މޯގަން، ސްޓެފަނީ މެކްމަހޯން، ލޯގަން ޕޯލް އަދި ވޯލްޑް ހެވީވެއިޓް ޗެމްޕިއަން ސެތް ރޯލިންސް ބައިވެރިވިއެވެ.
ޓީކޭއޯ ގްރޫޕް ހޯލްޑިންގްސްގެ ބައެއް ކަމަށްވާ ޑަބްލިއުޑަބްލިއުއީއިން މި އިވެންޓް ރިޔާދުގައި ބޭއްވުމަށް ނިންމާފައިވަނީ ސައުދީ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) އާ ގުޅިގެންނެވެ. މި އިވެންޓަކީ ސައުދީ އަރަބިއްޔާގެ ބައިނަލްއަޤްވާމީ މުނިފޫހިފިލުވުމުގެ ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެފަރާތުން ބުނެއެވެ.
ޖީއީއޭގެ ޗެއާމަން ތުރުކީ އަލްއަލްޝެއިޚް ވިދާޅުވީ، "ރެސްލްމޭނިއާއަކީ މިހާރުވެސް ރެސްލިންގ ކަލަންޑަރުގެ އެންމެ މުހިންމު އިވެންޓްއެއް، އަދި މި ނިންމުމަކީ ޑަބްލިއުޑަބްލިއުއީއާއެކު އޮތް އަޅުގަނޑުމެންގެ ޕާޓްނަރޝިޕްގެ މުހިންމު މަރުހަލާއެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އައިކޮނިކް އިވެންޓް އިތުރު އުސްމިންތަކަކަށް ގެންގޮސް، ދުނިޔެއިން މީގެ ކުރިން ދެކިފައިނުވާފަދަ ފުރިހަމަ ރެސްލްމޭނިއާއެއް ގެނެސްދިނުން" ކަމަށެވެ.
ރެސްލްމޭނިއާއަކީ އެއް ހަފްތާގެ މުއްދަތަށް ކުރިއަށްދާ ފެސްޓިވަލްއެކެވެ. މީގެ ތެރޭގައި ފޭން ފެސްޓިވަލްތަކާއި، ފްރައިޑޭ ނައިޓް ސްމެކްޑައުން، މަންޑޭ ނައިޓް ރޯ، އެންއެކްސްޓީ އަދި އެހެނިހެން ޙަރަކާތްތައް ހިމެނެއެވެ. މި އިވެންޓަށް 60 އަށްވުރެ ގިނަ ޤައުމުތަކުން ބެލުންތެރިން ޒިޔާރަތްކުރާކަމަށް ބުނެއެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހޯސްޓް ސިޓީތަކަށް 1.5 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބިފައިވާ އިވެންޓެކެވެ.
ޑަބްލިއުޑަބްލިއުއީ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން 2018 ވަނަ އަހަރުން ފެށިގެން ވަނީ ވަރުގަދަވެފައެވެ. މި ގުޅުމުގެ ދަށުން ކްރައުން ޖުވެލް، އެލިމިނޭޝަން ޗެމްބަރ، ކިންގް އެންޑް ކުއީން އޮފް ދަ ރިންގް، ނައިޓް އޮފް ޗެމްޕިއަންސް، ފްރައިޑޭ ނައިޓް ސްމެކްޑައުން އަދި މަންޑޭ ނައިޓް ރޯ ފަދަ ބޮޑެތި އިވެންޓްތައް ވަނީ ބާއްވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އެންމެ ބޮޑު WWE ގެ އިވެންޓް، ރެސްލްމޭނިއާ ސައުދީގައި ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ