811 ދުވަސް ފަހުން ޕޮގްބާ އެނބުރި އައި މެޗުން މޮނާކޯ ބަލިވެއްޖެ 811 ދުވަސް ފަހުން ޕޮގްބާ އެނބުރި އައި މެޗުން މޮނާކޯ ބަލިވެއްޖެ

މޮނާކޯ (ނޮވެމްބަރު 23) - މަނާބޭހުގެ މައްސަލައެއްގައި ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ، 811 ދުވަސް ފަހުން ކުޅުމަށް އެނބުރި އައި މެޗުގައި ކުޅެމުން އަންނަ މޮނާކޯ އިން ފްރެެންޗް ލީގުގައި ރޭ ރެން އަތުން 4-1 އިން ބަލިވެއްޖެ އެވެ.
ރޭގެ މެޗަކީ، ޕޮގްބާ، 32، މޮނާކޯއާ އެކު ސޮއިކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ޕޮގްބާ، މި މެޗުގައި 85 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން އެރިއިރު، މި ސީޒަނުގައި މޮނާކޯ އިން ޕޮގްބާ ކުޅުމަށް ގެންނަން ފުރަތަމަ އިއުލާނުކުރި ދެ ތާރީހު ވެސް ފަސް ކުރަން ޖެހުނީ އަނިޔާގެ މައްސަލަތަކާ ހެދި އެވެ.
މި މެޗުގައި ޕޮގްބާ ކުޅެން ނުކުތްއިރު ވެސް، ރެން އޮތީ 4-1 އިން ކުރީގަ އެވެ. އަދި، މޮނާކޯގެ ކެޕްޓަން، ޑެނިސް ޒަކަރިއާ އަށް ރަތް ކާޑެއް ދައްކާފައިވާތީވެ، އެ ޓީމުން ކުޅެމުން އައީ ކުޅުންތެރިއަކު މަދުކޮށެވެ. އިތުރު ވަގުތުގެ ތެރޭގައި މޮނާކޯ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.
މޮނާކޯގެ ކޯޗު ސެބަސްޓިއަން ޕޮކޮންޔޯލީ ވިސްނުން ހުރީ މަޑުމަޑުން ޕޮގްބާގެ މެޗު ފިޓްނަސް ރަނގަޅުކޮށް، މެޗުތަކުގައި އޭނާ ބޭނުންކުރާ މިންވަރު އިތުރުކުރުމެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއިން ވިދާލި ޕޮގްބާ ވަނީ އެ ޓީމަށާއި އިޓަލީގެ ޔުވެންޓަސް އަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މަނާ ބޭހުގެ މައްސަލާގައި އޭނާ ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑުކުރީ 2023 ގެ ސެޕްޓެމްބަރު މަހު އެވެ. ވަގުތީ ސަސްޕެންޝަނުގައި ހުއްޓާ ދެ ވަނަ ފަހަރަށް ނެގި ސާމްޕަލް ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.
މަނާބޭހަށް ސަސްޕެންޑްކުރިއިރު، ޕޮގްބާ، ޔުވެންޓަސް ކޮންޓްރެކްޓްގައި ހުރި ނަމަވެސް، މިދިޔަ އަހަރު ނޮވެމްބަރު މަހު، އެ ޓީމުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެެވެ. މޮނާކޯއާ ގުޅުމަށް ފަހު، ޕޮގްބާގެ އެންމެ ބޮޑު ޓާގެޓަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދާ ފްރާންސް ސްކޮޑުން ޖާގަ ހޯދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ