ކެމްބޯޑިއާ-ތައިލެންޑް ހަނގުރާމަ ހުއްޓާލުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައިގެންފި

ތައިލެންޑާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންފި އެވެ. 
ޓްރަމްޕް ވަނީ އެ ހަނގުރާމަ ހުއްޓުމަށް ޕްރެޝަރުކޮށްފަ އެވެ. އަދި އެ ހަނގުރާމަ ނުހުއްޓައި ކުރިއަށް ގެންގޮސްފި ނަމަ، އެ ދެ ގައުމަށް އިގްތިސާދީ ފިއްތުންތައް ކުރުމަތި ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
މިއަދު ސޮއިކުރި އެއްބަސްވުމުގެ ފުރަތަމަ ފޭސްގެ ދަށުން ކެމްބޯޑިއާގެ ގައިދީން ތައިލެންޑުން މިނިވަން ކުރަން މަޖުބޫރުވާނެ އެވެ. އަދި ކެމްބޯޑިއާ އިން ބޯޑަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ބަރު ހަތިޔާރުތައް އަނބުރާ ގެންދަން ފަށަން ޖެހޭނެ އެވެ.
އެކަން ހިނގާ އިރު ހަނގުރާމަ އަލުން ފަށާތޯ ސަރަހައްދީ އޮބްޒާވަރުންދަނީ ބަލަމުންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
"ވަރަށް ގިނަ ބަޔަކު ހީކުރީ މިއީ ހާސިލު ކުރެވޭނެ ލަނޑުދަނޑިއެއް ނޫން ކަމަށް. އެކަމަކު އެކަން މިއޮތީ ކޮށްފައި،" ޓްރަމްޕް ވިދާޅުވި އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ.
ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ވިދާޅުވީ އެ އެއްބަސްވުމަކީ ދެމެހެއްޓެނިވި ސުލްހައިގެ ބިންގާ ކަމަށެވެ.
މިއީ ކުއާލަލަމްޕޫރުގައި މިހާރު ކުރިއަށްދާ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސްގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޓްރަމްޕްގެ ފުރަތަމަ ރަސްމިއްޔާތެވެ.
ޓްރަމްޕްގެ އެ ދަތުރުފުޅުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ބުރޫ އަރާފައިވާ ދަނޑިވަޅެއްގައި ދުނިޔޭގެ ޑީލްމޭކަރެއްގެ ގޮތުގައި ޓްރަމްޕްގެ ތަސައްވުރު އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތު ތަނަވަސްވާނެ އެވެ.
މީގެ އިތުރުން، ޓްރަމްޕްގެ އޭޝިއާގެ މި ދަތުރުފުޅުގައި، ޖަޕާނާއި ދެކުނު ކޮރެއާއަށް ވަޑައިގެންނެވުމާއި ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ.
މެލޭޝިއާއާ އެކު ވިޔަފާރި އާއި ޒަރޫރީ ބޭނުންތެރި މިނަރަލްސްއާ ގުޅޭ އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއި ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެމެރިކާ އިން ދަނީ ޗައިނާއަށް ބަރޯސާވުން މަދުކުރުމަށް ސަޕްލައި ޗެއިންތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ