ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ.
﴿172﴾ يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
މާނައީ: "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲއަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ."
(އަލް ބަޤަރާ: 172)
މިއަދު މުސްލިމުންގެ ތެރެއިން މިއާޔަތަށް ބިރުވެތިވަނީ ކިތައް މީހުން ހެއްޔެވެ؟ ތިމާއަށް ކައިބޮއިހެދޭ އެއްޗަކާއި އަނބިދަރިންނަށް ކާންބޯންދެވޭ އެއްޗަކާއިމެދު ކަންބޮޑުވަނީ ކިތައް މީހުން ހެއްޔެވެ؟ އެހެންވެ ހަނދުމަކޮށްލައިދިނުމުގެ ގޮތުން ބުނެލާނަމެވެ.
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެމީހަކަށް ލިބޭ ދަރިންނަކީ އަޚްލާޤް ރަނގަޅު، ތަޤްވާވެރި، ހެޔޮލަފާ ދަރިން ކަމުގައިވުމެވެ. އެކަމަށް އެދޭމީހާ ފުރަތަމަ ކަމަކަށް ޙަރާމް އެއްވެސް އެއްޗެއް ނުކާށެވެ! އެހެނީ ޙަރާމްތަކެތި ކެއުމުން ގައިގަ ޖަހާނީ ހަރާމް މަހެވެ. އުފެދޭނީ ޙަރާމް ލެޔެއެވެ. ދަރިން މިއުފެދެނީ އެލެއިންނެވެ. ވީމާ ފުރަތަމަ ކަމަކަށް ޙަރާމް ތަކެތި ކެއުމުން މައިންބަފައިން މަނާވެގަންނަން އެބަޖެހެއެވެ. އެއީ ތިމާގެ ލެއަކީ ސާފުޠޯހިރު ލޭކަމުގައި ހެދުމަށެވެ.
ހަމައެއާއިއެކު ދަރިންނަށް ކާންދޭ ތަކެއްޗަކީ ޙަލާލްތަކެތި ކަމުގައިވެސް އެބަ ހަދަން ޖެހެއެވެ. އެއީ ދަރިންގެ ގައިގައި ޖަހާ މަހާއި ދަރިންގެ ހަށިގަނޑުގައި އުފެދޭ ލެއަކީ ޙަލާ އެއްޗެއްސަށް ހެދުމަށެވެ.
ޙަރާމްވެގެންވަނީ ހަމައެކަނި ބަނގުރަލކާއި އޫރުމަސް އަދި އެނޫންވެސް ﷲ ތަޢާލާ ޙަރާމްކުރެއްވެވި އެފަދަ ތަކެތި އެކަންޏެއް ނޫނެވެ. ޙަރާމް ގޮތުގައި ހޯދާ ފައިސާއަށް ގަންނަ ތަކެއްޗަކީވެސް ހަމަ ޙަރާމް ތަކެއްޗެވެ.
ދިރިއުޅެންކުރާ މަސައްކަތަކީވެސް ޙަލާލް މަސައްކަތް ކަމުގައި ހަދަން އެބަޖެހެއެވެ. އަދި އެމަސައްކަތް ޙަލާލް ގޮތުގައި ކުރަންވެސް ޖެހެއެވެ. ވިޔަފާރިއެއް ކުރިނަމަވެސް މަކަރު ނުހަދައި ޙަލާލް ގޮތުގައި ކުރަން އެބަޖެހެއެވެ. ވިޔަފާރިން ފައިދާ ހޯދުމުގައިވެސް ޙަލާލުވާނެ ގޮތަށް ޢަމަލުތައް ބަހައްޓަން ޖެހެއެވެ. ހޯދެން އޮންނަ އެންމެ ބޮޑު ފައިދާ ހޯދުމަކީ އަހުރެމެންނަށް ހުއްދަ ގޮތެއް ނޫނެވެ. އެކަންކުރަންވެސް އޮތީ އިންތަކެއްގެ ތެރެއިންނެވެ.
ޙަރާމް ތަކެތި ކައިގެން ޖަހާ މަސް ދިއުން ގާތީ ނަރަކައަށް ކަމަށް އޮންނަ ބަސްފުޅަށް ބިރުވެތިވާށެވެ! ތިމާ ނަރަކައަށް ދާން ބޭނުން ނުވާ ފަދައިން ދަރިންނަކީ ނަރަކައަށް ތިމާގެ އަތުން ކޮށްޕައިލެވޭ ބައަކަށް ނުހަދާށެވެ.
އެކުވެރިންނޭވެ! ދަރިންނަށް ޙަރާމް ތަކެތި ކާންދީގެން ބޮޑުކުރީމާ އެކުދިންގެ ހިތުގައި ދީނަށްވެސް އަދި މައިންބަފައިންނަށްވެސް އެއްވެސް ލޯތްބެއް ނެތުމަކީ ޙައިޜާންވާންޖެހެންވީ ކަމެއް ނޫނެވެ. އެކުދިންގެ ގައިގައި ޖަހާފައި އެހުރީ ޙަރާމް މަހެވެ. ހަށިގަނޑުގައި ހިނގަނީ ޙަރާމް ލެއެވެ. އެކުދިންގެ މައްޗަށް ވެރިވެގެނަންނަން ޝައިޠޯނާއަށް އެތައް ތަނަކުން ފަސޭހަވެގެންދާނެއެވެ. މިކަންކަމަށް ކޮންމެ ބެލެނިވެރިއަކުވެސް ވިސްނައިލުމަކީ ހަމަ މަޖުބޫރު ކަމެކެވެ.
ހަމަ އެއާއިއެކު ބުނެލަން އޮތީ ޙަރާމް ގޮތުގައި ހޯދާ ތަކެތި އަނބިންނަށްވެސް ކާންނުދޭށެވެ! އެއީ އަނބިން ނުކިޔަމަންތެރިވެ މަގުފުރެދިގެންދާ ކަމެކެވެ. ފިރިމީހާގެ މައްޗަށް އޮންނަންޖެހޭ ލޯބި ކެނޑި ބޭވަފާތެރިވުމަށް މެދުވެރިވާ ސަބަބެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޙަރާމް ގޮތުގަ ހޯދާ ތަކެތި ދަރިންނަށް ކާންދިނުމަކީ އެކަމުގެ ސަބަބުން ދަރިން މަގުފުރެދިގެންދާ ކަމެއް! އަނބިން ނުކިޔަމަންތެރިވެ ޚިޔާނާތްތެރިވާ ސަބަބެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ