ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު ދައުލަތުން ދޭ 175،000ރ. އުނިކޮށް، ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާފައިވާ ނައިބު ރައީސުންނަށް 30،000ރ.ގެ އެލަވަންސެއް ދޭ އިސްލާހު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅި އިސްލާހެކެވެ.
މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި މި ބިލު ރައީސް މުއިއްޒު މިއަދު ވަނީ ތަސްދީގުކުރައްވާފަ އެވެ. މިއާ އެކު، އެ އިސްލާހުން ގެންނަ ބަދަލުތަކަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.
ތަފްސީލު - އެ ގާނޫނު ކުރިން އޮންނަ ގޮތުން ދެ ދައުރަށްވުރެ ކުރު މުއްދަތަކަށް ވެރިކަންކުރެއްވި، ކުރީގެ ރައީސުންނަށް މަހަކު 275،000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:
މާލީ އިނާޔަތް: 50،000ރ.
ދިރިއުޅޭނެ ތަނުގެ ހަރަދަށް: 50،000ރ.
އޮފީސް ހިންގުމުގެ ހަރަދަށް: 175،000ރ.
އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާ ކުރައްވާ ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި ދިނީ، ގާނޫނުގައިވާ ގޮތުން 75،000ރ. އެވެ. އެ އިނާޔަތް ލިބިވަޑައިގަތީ ހަމައެކަނި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.
ގާނޫނުގައި މީގެ ކުރިން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމެއް ނޯވެ އެވެ. މިއަދު އަމަލުކުރަން ފެށި އިސްލާހާ އެކު:
ކުރީގެ ރައީސުންގެ އިނާޔަތުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދު އުނިވާނެ
ފަސް އަހަރުގެ ދައުރު ހަމަކުރާ ނައިބު ރައީސުންނަށް 30،000ރ.ގެ އިނާޔަތެއް ލިބޭނެ
ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ނައިބު ރައީސުންނަށް ސިއްހީ ހިދުމަތް ލިބޭނެ
އެ ބޭފުޅުންގެ ދައުރު ތެރޭ ކުރެއްވި ކަމުން ކުށެއް ސާބިތުވެއްޖެ ނަމަ، އެ އިނާޔަތާއި ދައުލަތުން ދޭ ރައްކާތެރިކަން ކަނޑާލެވޭނެ
ކުރީގެ ރައީސުން އަދި ނައިބު ރައީސުން ދައުލަތުގެ އިތުރު މަގާމެއް ފުރުއްވާ ނަމަ، އެ މަގާމު ފުރުއްވާ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެ؛ ކުރިން އޮންނަނީ އެ އިނާޔަތް ނެގުން އިހުތިޔާރީކޮށް ދޫކޮށްލާފައި
ފާހަގަކޮށްލެވޭ ކަމެއް - އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ހަ ނައިބު ރައީސުން މަގާމު އަދާކުރައްވައިފި އެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވީ، މިދިޔަ ވެރިކަމުގައި އެ މަގާމު އަދާ ކުރެއްވި ފައިސަލް ނަސީމް އެކަންޏެވެ.
އެހެންވެ، މި އިނާޔަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިސަލް އަށެވެ.
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައި ނައިބު ރައީސުންނަށް އިނާޔަތް ދޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ