ދިވެހި ބަހުގެ އަދީބު ނައިބު ތުއްތުގެ ލިޔުއްވާފައިވާ ރައިވަރުތަކުގެ ތެރެއިން މަޝްހޫރު އެއް ރައިވަރު ފޮތަކީ "ލަކުޑި" އެވެ. އެ ރައިވަރު ފޮތުގައިވާ ރައިވަރުތަކުގައި ރާއްޖޭގައި ހުރި ލަކުޑީގެ ބާވަތްތަކާއި، ބޭރުން ދިވެހިރާއްޖެއަށް ގެނެވޭ ލަކުޑީގެ ބާވަތްތައް ބަޔާން ކުރައްވާފައި ވެއެވެ. އެއަށް ފަހު ވިދާޅުވެފައި ވަނީ އެކި ކަހަލަ ލަކުޑި ކޮށޭނީ އެކި ކަހަލަ ފުރޯއިން ކަމަށެވެ. އެކަން އެނގޭނީ ވަޑާންކުރުމުގެ ތަންދޮރު ފިލާފައި ހުރި މީހަކަށެވެ. އާދައިގެ ފުރޮއިން ނުކޮށޭ ބާވަތުގެ ލަކުޑި ހުންނަކަން ވެސް އެނގޭނީ އެކަން އޮޅުންފިލާފައި ހުރި މީހަކަށެވެ. ވަޑިއެއްގެ ތޮފި ބޮލުގައި އެޅިޔަސް އެކަމުގެ ހުނަރާ މައުލޫމާތާއި ތަޖުރިބާ ނެތް ނަމަ އަތްފައިން ހެދޭނީ ހުސް ގޯހެވެ. އެފަދަ މީހަކު ފުރޮއިން އަމިއްލަ އަތްފައިގައި ޖެހުމަކީވެސް ދުރުގައި އޮންނާނެ ކަމެއް ނޫނެވެ.
ތުއްތުގެ ލަކުޑި ފޮތުގައިވާ އެއް ރައިވަރު ތިރީގައި ނަކަލުކުރަމެވެ.
މި ރައިވަރުގައި ތުއްތު ވިދާޅުވެދެއްވާފައި ވަނީ ލަކުޑީގެ އެކި ބާވަތްތައް ވަކިކުރަން ނޭނގޭހާވެސް ތަންދޮރު ނުދަންނަ ވަޑިއެއްގެ އަތަށް ހުރިހައި ލަކުޑި ދިނީމާ ލަކުޑީގެ ވެރިފަރާތަށް ވާނެ ބޮޑު ގެއްލުމުގެ ވާހަކައެވެ. ކަނދެއް އޮރިމަސް ވަކަރެއް ހައިވަކަރެއް ވަކިކުރަން ނޭނގޭ މީހެއްގެ އަތަށް އެ ލަކުޑި ދިނުމުން އެ ލަކުޑި ހަލާކުވާނެ ވާހަކައެވެ.
ނައިބު ތުއްތުއަކީ ދީނާއި ގައުމު ދެކެ ލޯބިވި، ސިޔާސީ ފަރާތްތަކުގެ އެދުމަށް ނިޔާ ބަދަލުކުރަން އިންކާރު ކުރެއްވި ހަރުދަނާ އަދުލުވެރި ހާކިމެކެވެ. ދައުލަތުގެ ސިޔާސީ އިސްވެރީންގެ އެދޭ ގޮތަށް ޝަރުއީ ނިންމުންތައް ނުނިންމުމުގެ ނަތީޖާއެއްގެ ގޮތުން ދެ ފަހަރެއްގެ މަތީން ނައިބުތުއްތު އަރުވާލެވުނެވެ. އަވަހާރަ ވެސްވީ އަރުވާލައްވާފައި ހުންނަވަނިކޮށެވެ.
އެހެންކަމުން ނައިބުތުއްތުގެ މި ރައިވަރު އަމާޒުކުރައްވާފައިވާ ކަމަށް ބެލެވެނީ އޭނާއަށް އަނިޔާވެރިވަމުން ދިޔަ ދައުލަތުގެ ވެރީންނަށް ކަމަށް ބެލެވެއެވެ.
މި ރައިވަރުގައި ނައިބު ތުއްތު ވިދާޅުވެފައިވާ ކަމަށް ބެލެވެނީ ވެރިކަމުގައި ހުރި މީހަކީ އަދި ދައުލަތުގެ މަގާމުތަކަށް އައްޔަންކުރާ މީހުންނަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ އާޖުފާޖު ނޭނގޭ، އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާ، ތަނެއް ދޮރެއް، ދޮރުފަތެއް ވަކިނުވާ މީހަކު ނަމަ ގައުމަށް ވާނެ ގެއްލުމުގެ ވާހަކައެވެ. ބަނގުރޫޓުގެ މަގުން ގައުމު ހިނގައިދާނެ ކަމުގެ ވާހަކައެވެ.
ނައިބު ތުއްތުގެ ހަޔާތުން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ގައުމުގެ ކަންކަން ހިންގަން ނޭނގޭ ހުދުމުހުތާރު އަނިޔާވެރީން އެންމެ ފުރަތަމައަށް ދިމާކޮށް ބޭރުކޮށްލަނީ އިންސާފުވެރި، އަދި ސިޔާސީ މީހުންގެ ނޭއްގާނި ބަހަށް ދީލައިނުލާ ފަނޑިޔާރުން ކަމެވެ. މީގެ ސާބިތު ހެއްކަކީ ރާއްޖޭގެ ރައީސްކަމުގެ ވަޒީފާގައި މިހާރުހުރި ވެރިކަން ކުރުމުގެ ލަޔާގަތާއި ގާބިލުކަން ނެތް އަނިޔާވެރި ޑރ. މުއިއްޒު އަމަލުކުރަމުންދާ ގޮތެވެ.
ޑރ. މުއިއްޒުއަކީ ނައިބު ތުއްތު ވިދާޅުވާފަދަ ދައުލަތް ހިނގުމުގެ "ކަނދެއް އޮރިމަސް ވަކަރެއް ހައިވަކަރެއް ވަކިކުރަން ނޭނގޭ" ވަޑިއެކެވެ. ދެން އެފަދަ ވަޑިއެއްގެ އަތަށް ގައުމުގެ ކަންކަން ދޫކޮށްލީމާ ދިވެހިރާއްޖެއަށް ވާނެ ހަތަރުއެތި މިދަނީ ވަމުންނެވެ. ފަހަރަކު މަޅިއެއް އެދަނީ ގައުމުގެ ކަރުގައި ބެދި ބާރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ގައުމު މިދަނީ ނޭވާ ހޮޅިއަށް އެޅެމުންނެވެ.
ފުރަތަމަ ކަމަކަށް، ގައުމުގެ މައި ރުކުންތަކަކީ ކޮބައި ކަމާއި، އޭގެ ސިފައާއި ބައްޓަމާއި ބޭނުމެއް މުއިއްޒުއަކަށް ކުޑަކޮށްވެސް ނޭނގެ އެވެ. ގާނޫނުއަސާސީ އަކީ ކޮން އެއްޗެއްކަމެއް ރައްޔިތުންގެ މަޖިލީހަކީ ކޮން އެއްޗެއްކަމެއް ސުޕްރީމް ކޯޓަކީ ކޮން އެއްޗެއްކަމެއް ވަކިކުރާކަށް ނޭނގެއެވެ. މުއިއްޒުއަށް ހީވަނީ އެއީ ރައީސްކަމުގައި ހުންނަ މީހަކު ޖަހާހާ ބެރަކަށް ނަށަންޖެހޭ ބައެއް ކަމަށެވެ. ދައުލަތުގެ ތިން ބާރުގެ މަސްއޫލިއްޔަތުން މުއިއްޒު އެވަނީ އެ ފަރާތްތައް ދުރުކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް މިނިވަން ކަމާއެކު ހަރަކާތްކުރެވުނަ ނުދިނުމަށްޓަކައި މެންބަރުންނަށް ރިޝްވަތުގެ ފައިސާ ދެއްވައި ރައްޔިތުންގެ މަޖިލިސްގެ ބާރު އުފުރާލައި އަމިއްލަ މުށުތެރެއަށް ރައްޔިތުންގެ މަޖިލިސް ގެނެސް ރައްޔިތުންގެ މަޖިލީހަށް އެވަނީ ބަޣާވާތެއް ގެނެސްފައެވެ. ހަމައެގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް މުއިއްޒު ބޭނުން ރާގަކަށް ހުކުމްކޮށްދޭނެ ތަންދޮރު ނުފިލާ، އިލްމެއް ނެތް ގާނޫނުތަކުގެ އާޖުފާޖު ނޭނގޭ ބަޔަކު އެވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށް ސުޕްރީމް ކޯޓުގެ ބާރު އަމިއްލަ އަތަށް ނަގައި ސުޕްރީމް ކޯޓަށް އެވަނީ ބަގާވާތެއް ގެނެސްފައެވެ. އޭގެ ޖުމްލަ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީ އަށް ފުރަގަސްދީ، ގާނޫނުއަސާސީ ބަގާވާތްކުރުމެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޖޭއެސްސީއާއި އިލެކްޝަންސް ކޮމިޝަނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުވެސް އެވަނީ މުށުތެރެއަށް ގެނެސްފައެވެ. ދައުލަތް ހިންގުމުގައި އެތަންތަނުގެ ދައުރުގެ މުހިންމުކަން ދޭހަވާ މިންވަރަށް މުއިއްޒުގެ ބޮލުގައި ތެތްކަމެއް ނެތެވެ. ދައުލަތުގެ ނިޒާމުތައް ރޫޅާލުމުން ދައުލަތުގެ މެޝިންގަނޑު ފާލުން ނެއްޓުނީމަ ނިކުންނާނެ ނަތީޖާ ފަހުމެއް ނުވެއެވެ.
ރައްޔިތުން ފައިސާ ރައްކާކުރާ ބޭންކް އޮފް މޯލްޑިވްސް ބަނގުރޫޓުކުރަމުން އެދަނީ ބޭންކުގެ ވިޔަފާރީގެ އުސޫލުތަކުން ބޭރަށް ބޭންކު ނެރެ ސިޔާސީ ހަތިޔާރަކަށް އެތަން ހަދައިގެންނެވެ. މިހާލަތުގައި، މިދާ ރޭޓުން ރައްޔިތުން ބޭންކް އޮފް މޯލްޑިވްސްގައި ރައްކާކޮށްފައި ހުރި ޑޮލަރުކޮޅު މިއަންނަ އަހަރު ދަރަނި އަދާކުރަން ނެގުން ވެސް އެކަށީގެންވެ އެވެ.
ދައުލަތުގެ އެތެރޭގެ ދަރަންޏަށް ބަލާއިރު، ގައުމު މިއޮތީ ބަނގުރޫޓުވެފައެވެ. އެތެރޭގެ ދަރަނި އަދާކުރުމުގެ ގާބިލުކަމެއް ދައުލަތުގެ މާލިއްޔާގައި ނެތެވެ.
ދައުލަތަށް ވެގެން އުޅޭ އެއްޗެއް ވަމުން މިދަނީ ލަކުޑި ނޭނގޭ ވަޑިއަކާ ލަކުޑިގަނޑު ހަވާލުކުރެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނައިބު ތުއްތުގެ ލަކުޑި ރައިވަރު ކޮންމެ ރައްޔިތަކުވެސް ކިޔަންޖެހޭ ވަގުތު މިއޮތީ އައިސްފައެވެ.
ނައިބު ތުއްތުގެ ލަކުޑި ފޮތުން މުއިއްޒު ނައިބު ތުއްތުގެ ލަކުޑި ފޮތުން މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ