އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުން ދާތީ ބިދޭސީންގެ ނަމުގައި ވެހިކަލް ރެޖިސްޓްރީ ކުރުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީންގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުގައި އުޅަނދުތައް ގިނަވެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތާ ގުޅިގެން ކަމަށެވެ.
"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ބިދޭސީންގެ ނަމުގައި އުޅަނދު ރެޖިސްޓަރީ ކުރުމުގެ ހިދުމަތް ވަނީ މިވަގުތަށް ހުއްޓާލެވިފައި،" އަމީން ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ބިދޭސީންގެ ނަމުގައި ވެހިކަލް ރެޖިސްޓްރީ ކޮށްދިނުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް އިތުރު ހަމަތަކެއް ހިމަނައި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނެއް ހެދުމަށް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާމިން ހަބީބު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދު މިނިސްޓްރީގެ ރެޖިސްޓްރީ ސެޓްފިކެޓަކާއެކު ރާއްޖެއިން ބޭރުގައި ދުއްވޭނެ އެވެ. އަދި ޓްރެފިކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ވެސް އެ ބިލު ގާނޫނަކަށް ވުމަށްފަހު ރާއްޖޭގައި ދުއްވޭނެ އެވެ.
ނަމަވެސް ބޭރު ގައުމެއްގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ރާއްޖޭގައި ދުއްވޭނީ ދިވެހިރާއްޖެއިން އަނބުރާ ގެންދާ ގޮތަށް ރެޖިސްޓްރީ ކުރުމަށްފަހު އެވެ. އެގޮތަށް ރެޖިސްޓްރީ ކޮށްގެން ވެސް އުޅަނދެއް ރާއްޖޭގައި ދުއްވޭނީ ގިނަވެގެން 12 މަސްދުވަހު އެވެ.
އޭގެއިތުރުން ކޮންމެ މީހެއްގެ ނަމުގައި ނުވަތަ ކުންފުންޏެއް ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުމުގެ އިހުތިިޔާރު ވެސް އެ ބިލުގައި ވާގޮތުން މިނިސްޓްރީއަށް ލިބެ އެވެ.
ބިލުގައި ވާގޮތުން ރަށްރަށުގެ ކެރީން ކެޕޭސިޓީ އާއި ކޮންމެ މީހެއް ނުވަތަ ކުންފުނިތަކުގެ ނަމުގައި އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އަދަދު އެ ބިލު ގާނޫނަކަށް ވާތާ ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި އާންމުކޮށް އަންގައި މިނިސްޓްރީ އިއުލާނުކުރަން ޖެހެ އެވެ.
ރަށެއްގައި ނުވަތަ ސިޓީއެއްގައި އެންމެ ގިނައިން އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭނެ އަދަދު މިނިސްޓްރީ ކަނޑައަޅަން ވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
އަދި، ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ވެސް އެ ބިލުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ދީފައިވެ އެވެ. އެގޮތުން އެ ބިލުގައި ވާގޮތުގެ މަތިން ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ނެގުމަށްފަހު، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ހޯދައިގެން ދިވެހި ލައިސެންސް އޮންނަ ހުރިހާ އެންމެންނަށް ބޭރުގެ ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ އެވެ.
ހަމަ އެގޮތަށް، ރާއްޖެއިން ބޭރުގެ ގައުމަކުން ލައިސެންސް ނަގާފައިވާ މީހަކަށް ވެސް، އެ ގައުމަކުން ދޫކޮށްފައިވާ ލައިސެންސްގެ މުއްދަތު ހަމަވަންދެން، ރާއްޖެއިން އިތުރު ލައިސެންސެއް ނެގުމަކާ ނުލައި ދުއްވޭނެ ކަމަށް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް، އެ މީހަކީ ރާއްޖޭގައި 90 ދުވަހަށްވުރެ ގިނަ ދުވަހު ދިރިއުޅޭ މީހެއް ކަމަށްވާނަމަ، އެމީހަކު ދިވެހިރާއްޖޭގެ އުސޫލުތަކާ އެއްގޮތަށް ލައިސެންސް ނަގަންޖެހޭނެ އެވެ.
އެގޮތުން ދިވެހިރާއްޖެއިން ލައިސެންސް ގަބޫލުކުރާ ގައުމުތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަން ވެސް އެ ބިލުގައި ލާޒިމު ކޮށްފައިވެ އެވެ.
ބިދޭސީންގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލައިފި ބިދޭސީންގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކުރުން ވަގުތީ ގޮތުން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ