މާދަމާ ރޭ ރައީސް، މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ

މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުން މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން ބާއްވާ ޖަލްސާ އޮންނާނީ 2025 މާދަމާ ރޭ 8:30 ގައި ތާޖުއްދީން ސްކޫލްގައި ކަމަށެވެ. އަދި މި ޖަލްސާގައި ބައިވެރިވުމަށް މާފަންނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު ދެއްވާފައެވެ.
މި ޖަލްސާއަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރަން ބޭނުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ޖަލްސާ އެކެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުނު އިރު އެ މަނިކުފާނު ވަނީ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރަކުރައްވާފައިވާއިރު، ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ