ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުރުމަތް ކެނޑި ކަމަށް ބުނާ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފިއެވެ.
މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި ޕީޖީ އޮފީސް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމްކުރީ ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން އެ ކޯޓުން އެންގުމުން އެ އަމުރަށް ތަބާނުވުމުންނެވެ.
އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ކުރިން ނިންމުމުން ވެސް އެ އަމުރަށް ދައުލަތުން އަމަލު ނުކުރުމުން އެ ކޯޓުގެ އިސްމެޖިސްޓްރޭޓު މުޙައްމަދު ޢަފީފު ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޕީޖީގެ އޮފީސް 10،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.
ޕީޖީގެ އޮފީހުން ބުނީ މައްސަލައިގެ މައުލޫމާތު އެ ކޯޓުން އެދުނު ދުވަހަށް ފޮނުވިފައިނުވަނީ، އެ މަޢުލޫމާތަކީ އެއޮފީހަށް މައްސަލައިގައި ލިބިފައިވާ މަޢުލޫމާތަކަށް ނުވާތީ ކަމަށެވެ.
އެފަދަ މަޢުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުމުން އެ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާނެކަމަށް ކޯޓުގައި ދެންނެވުން އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާތީ ކަމަށްވެސް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.
ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މަޢުލޫމާތެއް ނުހޯދޭ ޙާލަތުގައި އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް އަމުރުކޮށްގެން ހޯދެއެވެ.
އެމަޢުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެމަޢުލޫމާތު ހޯދޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުވުމެވެ. އެ އަމުރު، ފުލުސް އޮފީހަށް ފޮނުވާފައި އޮތް ކަމަށް އެ އޮފީހަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ޕީޖީގެ އޮފީހުންވަނީ ބުނެފައެވެ.
އެފަދަ ކަމެއްގައި، އެއޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުވެދާނެތީ، އެއަމުރު މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމަށް މަސައްކަތް ކުރާނެކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް މިމަހުގެ 14ވަނަ ދުވަހުގައި ވަނީ ހުށަހަޅާފައެވެ.
އެހެންނަމަވެސް ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމެވުމަކުން މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް މިމަހުގެ 15 ވަނަ ދުވަހުގައި ވަނީ ނިންމާފައެވެ.
އެހެންކަމުން ރަޖިސްޓްރަރގެ މި ނިންމުން މުރާޖަޢާ ކޮށްދެއްވުން އެދި މިމަހުގެ 19 ވަނަ ދުވަހުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ޕީޖީންވަނީ ބުނެފައެވެ.
ހައިކޯޓުގެ ގަވާއިދު ބުނާގޮތުން ރަޖިސްޓްރާގެ ނިންމެވުންތައް ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކުރުމުގެ ފުރުސަތު އޮންނާއެވެ.
ޕީޖީން ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ހައި ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ