ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސާފު ވެރިކަމެއް ކޮށްދޭނެ ކަމުގެ ވައުދުތަކާއެކުއެވެ. އެއީ ރާއްޖޭގައި އަށަގެންފައިވާ ރިޝްވަތާއި ކޮރަޕްޝަން މޫތައް ލުހެލާނު ކަމަށް ވައުދުވެސް ވަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު, ޕީއެންސީ އަދި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރުގެ އިސް މަގާމްތަކަށް ވަޑައިގެންފައެވެ.
އެއާއެކު ސަރުކާރަށް މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ގެއްލި, ފެނިގެން ދިޔައީ ސަރުކާރު ޕްރެޝަރަށް ވެއްޓުނު މަންޒަރެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގައި ސަރުކާރުން އަވަސް އަރުވާލަން ބޭނުންވި ނަމަވެސް, ރައްޔިތުންގެ މަޖިލިހުން ބޭނުންވީ ގާނޫނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހު ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ. އެއީ ރައީސް މުއިއްޒު އުފެއްދެވި ވުޒާރާތަކުގެ މެންޑޭޓް މަޖިލިހުން ފާސްކުރުމަށްފަހު ވަޒީރުންނަށް ރުހުން ދިނުމަށެވެ.
އެހެންނަމަވެސް, ރުހުންވެސް ހޯދާފައި ނުވާ ވަޒީރުންތަކެއް ކެބިނެޓްގައި ތިއްބައިވައިގެން ރައްޔިތުންގެ މަޖިލިހުގެ ރުހުންވެސް ނެތި, ބޮޑެތި ނިންމެވުންތައް ނިންމަވަން ފެއްޓެވުމުން މި ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ.
އެއާއެކު ދެން އަޑުއިވިގެންދިޔައީ, ސަރުކާރުގެ މައްޗަށް ކުރެވެންފެށި ކޮރަޕްޝަންގެ ތުހުމަތުތަކަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ނުވެއްޖެނަަމަ ރައީސްއާއި ނާއިބު ރައީސް އަޒުލް ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޮވާލައްވަން ފެއްޓެވި މަންޒަރެވެ.
ރައީސް މުއިއްޒު އަޒުލް ކުރުމުގެ ވާހަކަތައް ފެންމަތިވާން ފެށުމާއެކު, ފުށިދިއްގަރުފަޅު ސީއެމްސީއަށް ނާޖާއިޒު ގޮތުގައި ބިޑަކާއި ނުލައި، އެޗްޑީސީ މެދުވެރިކޮށް ދީގެން ހޯދި 100 މިލިއަން ރުފިޔާގެ ކަޅުފައިސާއިން ރިޝްވަތު ދީގެން އެމްޑީޕީ މެމްބަރުންތަކެއް މުއީއްޒު މިހާރު ވަނީ ގަނެލާފައެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ސަރުކާރުގެ ބައެއް އޮފިބަލުުން ވިދާޅުވީ, ރައީސް މުއިއްޒު މެމްބަރުންނަށް ހުށަހަޅުއްވަނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރާ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި، ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރު ކަމާއި، 10 ސިޔާސީ މަގާމު ދެއްވުމަށެވެ.
މިގޮތުން ކޮރަޕްޝް ދީގެން ގަންނަ ފަރާތްތައް ޕީއެންސީއަށް ސޮއިކޮށް، އެ ނުހައްޤު ކަޅު ހަރާން ފައިސާއިން މި ކުރި ނުބައި ފާފަ ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކޮށް އުފާ ފާޅުކުރުމަށް މުއިއްޒު މިހާރުވަނީ މި ނުބައި އަމަލުގެ އުފާ ފާޅުކުރުމަށް މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ނިންމާފައެވެ.
ހަރާން ކަޅުފައިސާގެ ރިޝްވަތު ނަގައިގެން ޕާޓީ ބަދަލު ކުރާ މީހުންގެ ތެރޭ ހިމެނޭ ބައެއް މީހުން ގޮތުގައި މައުލޫމާތު ލިބިފައިވަނީ އަބްދުލްޣަނީ ޢަބްދުލްހަކީމް (ކުރެންދޫ ދާއިރާ)، މުހައްމަދު ރާޝިދު (ކޮމަންޑޫ ދާއިރާ)، އިބްރާހިމް ނަސީރު (މުލަކު ދާއިރާ)، އަބްދުލް މުހްސިން ހަމީދު (ނިލަންދޫ ދާއިރާ)، މުހައްމަދު ނިހާދު (ފޭދޫ ދާއިރާ)، އާދަމް އަލީ (މާފަންނު ދެކުނު ދާއިރާ)، އާއި މަޝްހޫރު މަވޯޓާ ޝަރީފެވެ. މީގެ ތެރެއިން, މެލޭޝިއާ ހައިކޮމިޝަންގެ ވަޒީފާގައި ހުންނެވި, މަވޯޓާ ޝަރީފްގެ ދަރިފުޅުގެ މަގާމުގެ މުއްދަތު މިހާރު މިސަރުކާރުންވަނީ އިތުރުކޮށް ދީފައެވެ.
މުއިއްޒު ކަޅު ފައިސާ ދީގެން ގަނެފައިވަނީ، މަޖިލީހަށް ދެވަނަ ދައުރަކަށް ނުހޮވޭނެ ކަމުގެ ޔަގީން ކަން އޮތް، ގޮތް ހުސްވެފައިވާ މަދު މެމްބަރުން ކޮޅެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ.
ކަޅުފައިސާ ބާހާ، ކޮރަޕްޝަންގެ ހަރާމް ފައިސާއިން މެމްބަރުން ގަތުމަށްފަހު އެކަން ފާހަގަކުރުމަށް މުއިއްޒު މިރޭ ޖަލްސާ ބާއްވާއިރު, އެ މިންވަރުންވެސް މުއިއްޒުއަށް މަޖިލިސް މެޖޯރިޓީ އަދިވެސް ލިބިގެނެއް ނުދެއެވެ. އެހެންނަމަވެސް, ކަޅު ފައިސާއަށް ނަފްސު ވިއްކާލާ މެމްބަރުން މުއިއްޒުއަށް ބައިއަތު ހިފުމާއެކު, އެމްޑީޕީއެކަނި މުއިއްޒު އަޒުލު ކުރުމަށް ދެން ދަތިވާނެއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމަކީ މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެގެން ދާނޭކަމެކެވެ.
ރިޕޯޓު: ކޮންމެ ރެއަކު ވަގުތަށް ފަތިސް ނަމާދަށް ވަޑައިގަންނަވާ މުއިއްޒު, ބިރަކާ ނުލާ ހަރާމް ފައިސާއިން ރިޝްވަތު ދީގެން މެމްބަރު ގަތުމުގައި އަވަދި ނެތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ