އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ކެލާ ދާއިރާގެ މެމްބަރު އިބުރޭ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) މިއަދު އިންތިޚާބުކޮށްފިއެވެ. ޑެޕިއުޓީ ޕީޖީއަކު އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގައި ޕާޓީގެ މެމްބަރުންގެ ތެރެއިން ވާދަކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދާއި، މެމްބަރު ޝަރީފެވެ. އޭގެ ތެރެއިން މެމްބަރު ޝަރީފް ކާމިޔާބުކުރެއްވީ 27 ވޯޓާއެކުގައެވެ. ނިހާދަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މި ވޯޓުގައި ޖުމްލަ 50 މެމްބަރުން ބައިވެރިވިއެވެ. އެންމެ ފުރަތަމަ ޑެޕިއުޓީ ޕީޖީ ލީޑަރަކަމުުގެ މަގާމަށް ވާދަކުރެއްވީ ތިން ބޭފުޅެކެވެ. އެއީ މެމްބަރު ނިހާދާއި، ޝަރީފްގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީއެވެ. ނަމަވެސް އޭނާ ނަން ނެގުމުގެ ސަބަބުން ވޯޓުގައި އޭނާގެ ނަން ހިމަނައިފައެއް ނުވެއެވެ. އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމުގެ މަގާމު ހުސްވީ ކުރިން ޕީޖީ ލީޑަރަކަށް ހުންނެވި މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރުމާއެކު، ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ހުންނެވި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ޕީޖީ ލީޑަރުކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ