ރިލްވާންގެ އާއިލާ "ދުއްވާލާނެ" ކަމުގެ އިންޒާރު ދީފި

ވަގަށް ނަގައި މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ އާއިލާ "ދުއްވާލާނެ" ކަމަށް ބުނެ އިންޒާރު ދީފި އެވެ.
ރިލްވާންގެ ދައްތަ، ފާތިމަތު ޝެހެނާޒް ކުރި ޓްވީޓެއްގައި ބުނީ ރިލްވާނަށް އިންސާފު ލިބިފައި ނުވި ނަމަވެސް މި ފަސް އަހަރުތެރޭ ފުރައްސާރަ އާއި އިންޒާރެއް ނުލިބި ހަމަޖެހިލައިގެން ރާއްޖޭގައި އުޅެވުނު ކަމަށެވެ. ނަމަވެސް ފާއިތުވި ހަފްތާތަކުގެ ތެރޭގައި ކަންކަން ބަދަލުވެފައިވާ ކަމަށާއި އެގޮތުން ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލި ފަހުން ރިލްވާންގެ އާއިލާ މެމްބަރަކަށް ތަކުރާރުކޮށް އިންޒާރުގެ މެސެޖުތައް ލިބެމުންދާ ކަމަށް ޝެހެނާޒް ބުންޏެވެ.
އިންޒާރުގެ މެސެޖުތަކުގެ ސްކްރީންޝޮޓްތައް ޝެހެނާޒް ހިއްސާކޮށްފައިވާއިރު އެ މެސެޖުތަކުގައި ވަނީ ގޯސް ހަދަން ނޫޅުމަށާއި މާ ކަންތައް ބޮޑުވާނަމަ ރިލްވާންގެ އާއިލާ ދުއްވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. ހަޑިހުތުރުބަހުން ފޮނުވާފައިވާ އެ މެސެޖުތަކުގައި ރިލްވާންގެ އާއިލާ އަށް "އެމީހުންނާ ހަމައަށް ނާދެވޭނެ" ކަމަށާއި މައިތިރިވެގެން ތިބުމަށް ވެސް ވަނީ އިންޒާރު ދީފަ އެވެ.
ޝެހެނާޒް ބުނީ އިއްޔެގެ ފަތިސް ނަމާދަށްފަހު ރިލްވާންގެ މަންމަ ރަސްފަންނު ސަރަހައްދުން ހިނގާފައި ދަނިކޮށް މީހަކު ފުރައްސާރަ ވެސް ކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ އިންޒާރެއް މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށްވެސް ރިލްވާންގެ ދައްތަ ބުންޏެވެ.
މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފަ އެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ