24 ގަޑިއިރުތެރޭ ގާޒާއިން 700 މީހުން ޝަހީދު ކޮށްލައިފި

ސުލްހައިގެ ވާހަކަތައް ހުއްޓާލައި އިޒްރޭލުން ގާޒާގެ ދެކުނަށް އަމާޒު ކުރަން ފެށި ނުރައްކާތެރި ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި 700 މީހަކު ޝަހީދު ކޮށްލައިފިއެވެ.
ގާޒާގެ މީޑިއާ އޮފީހުގެ ޑައިރެކްޓާ ޖެނެރަލް ވިދާޅުވީ، މިއީ ގާޒާ ހަނގުރާމަ ފެށިފަހުން ދިން އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ހަމަލާ ކަމަށާއި މި ހަމަލާތަކުގައި ގާޒާގެ 400 އަށް ވުރެ ގިނަ ތަންތަނަށް އިޒްރޭލުން ހަމަލާ ދީފައި ވާ ކަމަށެވެ.
ސުލްހައިގެ 7 ދުވަސް ފާއިތުވުމުން، އެއްބަސް ވުމުން ނިކުމެ އިޒްރޭލުން ދޭން ފެށި ހަމަލާތައް ބޮޑަށް އަމާޒު ކޮށްފައި ވަނީ، ހަމަލާތައް ފެށިތާ ކުރީކޮޅު ހަމަލާތައް އަމާޒު ކުރި އުތުރުގެ ސަރަހައްދުތަކުން ފައިބައިގެން ދިޔަ ފަލަސްތީނުގެ ރައްޔިތުން ތިބި ދެކުނު ހާން ޔޫނިސް އާއި ރަފާ އަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަނީ މިހާރު ހަމާސްގެ ގިނަ މީހުން ތިބީ ހާން ޔޫނިސް އާއި ރަފާގައި ކަމަށެވެ. އެހެން ކަމުން ހަމަލާ ދޭން ޖެހެ ކަމަށާއި ހަމަލާ ދެނީ ހަމާސް ނައްތާލަން ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެ ދަނީ ކުޑަކުދިންނާއި އަންހެނުންނާއި އެކި އުމުރު ފުރައިގެ ފިރިހެނުންނެވެ.
އިޒްރޭލުން ގާޒާއަށް އަޅަމުން ދާ ބޮންތަކަކީ އޮކްޓޯބަރު 8 އިން ފެށިގެން އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދެމުން ގެންދާ ބޮންތަކެވެ. ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ފޮރުކޮށްދީފައިވާ ބޮންތަކަކި؛
އެމެރިކާގެ އިތުރުން އިނގިރޭސީންވެސް މިހާރު ވަނީ ހަނގުރާމައިގައި ބައިވެރިވެފައެވެ. އިނގިރޭސީންގެ ޖާސޫސީ ޑްރޯންތައް ގާޒާގެ މަތިން އުދުއްސަން ފަށާފައި ވާ އިރު އިނގިރޭސީން ބުނަނީ އެމީހުން ޑްރޯން އުދުއްސަނީ ހަމާސް އިން ރަހީނު ކުރި މީހުން ހޯދަން ކަމަށެވެ.
ސުލްހައިގެ ވާހަކަތަކުން އިޒްރޭލް ވަކިވެފައި ވާ އިރު، ގަތަރު މެދުވެރިއެއްގެ ދައުރު އަދާ ކުރާ ވާހަކަތައް އަލުން ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަމާސް އިން ވެސް މިހާރު ބުނެފައިވަނީ، އިޒްރޭލުން ހަމަލާ ދެމުން ގެންދާހާ ހިނދަކު ދެން ދައްކާނެ ސުލްހައިގެން ވާހަކައެއް ނެތް ކަމަށެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއާއެކު ރަހީނު ކުރި މީހުންގެ ތެރެއިން ހަމށްގެ ބެލުމުގެ ދަށުގައި އަދިވެސް 136 މީހަކު ތިބިކަމަށް ހަބަރުތައް ބުނެއެވެ. ސުލްހައިގެ 7 ދުވަސް ދިޔަ އިރު ހަމާސް އިން އިޒްރޭލުގެ 50 މީހަކާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންނާއެކު ޖުމްލަ 93 މީހަކު ވަނީ ދޫކޮށްލާފައެވެ. އިޒްރޭލުން އެއިން ކޮންމެ މީހަކަށް 3 މީހުންގެ މަގުން ފަލަސްތީނުގެ ރަހީނުން ދޫކޮށްފައި ވެއެއެވެ. ނަމަވެސް ބަދަލުގައި އިޒްރޭލުން ހުޅަނގު އައްސޭރިއަށް އަރާ ރަހީނު ކުރާ މީހުންގެ އަދަދުތައް ކަނޑާލީމައި، މީހަކު ދޫކޮށް ނުލުން ފަދައެވެ. އިއްޔެ އެކަނިވެސް 60 މީހުން ހުޅަނގު އައްސޭރީން ވަނީ ރަހީނު ކޮށްގެން އިޒްރޭލުގެ ޖަލުތަކަށް ގެންގޮސްފައެވެ. އޮކްޓޯބަރު 8 ގެ ހަމަލާތައް އިޒްރޭލުން ފެށިފަހުން މިހާތަނަށް ޖުމްލަ 3000 މީހުން ރަހީނު ކޮށްފައި ވާ އިރު، އޭގެ ކުރިން ރަހީނު ކުރި މީހުންނާއެކު ޖުމްލަ އަދަދު ވަނީ 8300 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ