ގުޅީގެ ބިން ހިއްކަން 89.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ކ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު 89.6 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމްއެވެ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މިއީ މިހާރު އެ ރަށުގެ ބިމުގެ ބޮޑުމިން ކަމުގައިވާ 9.19 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެކެވެ. ބިން ހިއްކުމުގެ އިތުރުން، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓަކާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއްގެ އިތުރުން 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހާނައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއޫ އެމްޓީސީސީއާ ހަވާލުކުރުން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން ގުޅީ ކައުންސިލުގެ ރައީސް މޫސާ ސަފީލް މިރޭ "ސަން"އަށް ވިދާޅުވީ އެ ރަށުގެ ބިން ނުހިއްކި އޮތް އޮތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރު ރައްޔިތުން ތިބީ، ބިން ހިއްކުމުގެ މަސައްކަތް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ. "ބިން ހިއްކައިގެން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ވަރަށް ބޮޑެތި ފަސޭހަތަކެއްގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތައް ވެސް އިތުރުވާނެ،" އޭނާ ވިދާޅުވިއެވެ. ސަފީލް ވިދާޅުވި ގޮތުގައި ބިމުގެ ދަތިކަމުގެ ސަބަބުން އެ ރަށުން ގޯތި ދޫނުކުރާތާ ވެސް 25 އެއްހާ އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް ބިން ހިއްކުމުގެ ސަބަބުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބިން ހިއްކުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަން ފާހަގަކުރައްވައި ސަފީލް ވިދާޅުވީ ލޯކަލް ޓުއަރިޒަމް އެންމެ އެކަށީގެންވާ ގޮތުގައި ފުޅާ ކުރެވޭނެ މަގަކަށް ވެސް އެ ރަށުގެ ބިން ހިއްކުން ވެގެންދާނެ ކަމަށެވެ. "މި ހިސާބަކީ ލޯކަލް ޓުއަރިޒަމްގެ ހިސާބެއް. ބިން ހިއްކިއްޖެ ނަމަ ހަމަ މި އަތޮޅުގެ މާފުއްޓާ އެއްވަރަށް ލޯކަލް ޓުއަރިޒަމް ފުޅާ ކުރެވޭނެ މި ރަށުގަ،" އޭނާ ވިދާޅުވިއެވެ. ގުޅީގެ އާބާދީއަކީ 994އެވެ. ނަމަވެސް އެ ރަށުގައި 1،200އެއްހާ މީހުން ދިރިއުޅެވެ. މިހާރު އެ ރަށުގެ ބޮޑުމިނަކީ 9.19 ހެކްޓަރެވެ. ގުޅީގެ ބިމުގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފެށާނެ ކަމަށް މިދިޔަ ޖެނުއަރީ މަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ކ. ގުރައިދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހު ވައުދުވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ