ނަޝީދު ލިޔުއްވި "ކިއްލާ މާލެ" ނެރެފި

ރާއްޖޭގެ ވެރިކަން ކުރާ ރަށް - މާލޭގެ ތާރީހާއި ގުޅޭ ގޮތުން "ކިއްލާ މާލެ"ގެ ނަމުގައި ކުރީގެ ރައީސް އަދި ކުރީގެ ނޫސްވެރިޔާ މުހައްމަދު ނަޝީދު ފޮތެއް ލިޔެ ނެރުއްވައިފި އެވެ.
ރައީސް ނަޝީދު ލިޔުއްވި މި ފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މި ފޮތް ނެރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ފޮތް ޝާއިރު ކޮށްފައިވަނީ ރައީސް ނަޝީދުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އޯޝަން ޕަބްލިޝާސް އިންނެވެ.
މި ފޮތަކީ 1700 އާއި 1900 ވަނަ އަހަރާއި ދެމެދު މާލޭގައި ދިރިއުޅު ދިވެހިންގެ ދިރިއުޅުމުގެ ތާރީހުގެ މައްޗަށް ލިޔުއްވާފައިވާ ތާރީހީ ދިރާސާއެކެވެ.
މި ފޮތަށް ރައީސް ނަޝީދު މައުލޫމާތު ހޯއްދަވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރަންޖެހި ކޮށިން، ރައީސް އޮފީހަށް ގެނައި ދުވަސްވީ ލިޔުންތަކަކުން ކަމަށް އޯޝަން ޕަބްލިޝާސް އިން ރައީސް ނަޝީދާއި ހަވާލާދީ ބުނެފައިވެ އެވެ.
"ކިއްލާ މާލެ" ވިއްކުމަށް ހަމަޖެހިފައިވަނީ ހާޑްކަވަރު 300 ރުފިޔާއަށް އަދި ޕޭޕާބެކް 200 ރުފިޔާ އަށެވެ. މި ފޮތުގައި، މަޝްހޫރު ކުރެހުންތެރިޔާ ޝިމްހާ ޝަކީބުގެ ކުރެހުންތައް ހިމެނެ އެވެ.
މި ފޮތުގައި މައިގަނޑުގޮތެއްގައި އަލި އަޅުވާލާފައިވަނީ މާލޭގެ ހަތަރު އަވަށުގެ މަށްޗަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ފޮތް އެކުލަވާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އާންމުކޮށް ލިޔެވެމުން ދަނީ ވެރިންގެ ތާރީހު ކަމަށް ވާތީ އެ ނޫން ގޮތަކަށް ރާއްޖޭގެ ޒަމާންތައް ރައްޔިތުންނަށް ދެއްކުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ