އިޖުތިމާއީ ދާއިރާގެ ބަޖެޓު ދެގުނަ ބޮޑުކުރަނީ

އިޖުތިމާއީ ދާއިރާގެ ތަރައްގީއަށް ހާއްސަ އިސްކަމެއް ދީގެން، 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ކަނޑައަޅާއިރު ޖެންޑާ މިނިސްޓްރީގެ ބަޖެޓު ދެގުނަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތައްޔާރުކުރާ ދައުލަތުގެ ބަޖެޓަށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ލަފަޔާއި މަޝްވަރާ ހޯދަން ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތައް މިހާރު ވަނީ ނިންމައިލައިފަ އެވެ.   
އިއްޔެ އއ. ހިމަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައި ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބަޖެޓު ފައިނަލްކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަން ތައްޔާރުވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ތަފްސީލް - އިޖުތިމާއީ ރައްކާތެރިކަމަށް މި އަހަރުގެ ބަޖެޓުގައި ހިމެނީ 3702 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
ބަލިވުމާއި ނުކުޅެދުންތެރިކަމަށްދޭ އެހީއަށް 1,169 މިލިއަން ރުފިޔާ
އުމުރުން ދުވަސްވީ މީހުންނަށް 1,340 މިލިއަން ރުފިޔާ
އިޖުތިމާއީ ރައްކާތެރިކަމުގެ އެހެން ހަރަދުތަކަށް 1,192 މިލިއަން ރުފިޔާ
ރައީސްގެ ބަސް - ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ބަޖެޓް ހުށަހަޅާ އިރު، އިޖުތިމާއީ ދާއިރާގެ ތަރައްގީއަށް ވަރަށްބޮޑު އިސްކަމެއް ދީފައި އޮންނާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައި އިރު ޖެންޑާ މިނިސްޓްރީއަށް ދީފައި އޮތް ބަޖެޓަށްވުރެ އަންނަ އަހަރުގެ ބަޖެޓު ދެގުނަ ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ނަތީޖާ އެ މިނިސްޓްރީގެ ފަރާތުން ފެނިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. އަޅުގަނޑުމެން އެކަން ބަލަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މިނިސްޓްރީގެ ބަޖެޓު ބޮޑުކުރުމުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިޖުތިމާއީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ގުޅުންހުރި - އިޖުތިމާއީ ކަންކަން ބަދަލުކުރުމަށް މި ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން އަންނަ އަހަރު މިނިމަމް ވޭޖު ދޭނެ ކަމަށާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ކިޔާލަން -
ޑޮކްޓަރުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމަނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ