ބީއެމްއެލް އާއި ޓެނިސް އެސޯސިއޭޝަންގެ ޕާޓްނަޝިޕް އާ ކޮށްފި

ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްވަސްވުން އާ ކޮށްފިއެވެ.
ބީއެމްއެލުން ބުނީ، މި އެއްބަސްވުމުގެ ދަށުން، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައި ދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް 3 އަހަރު ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، ގައުމީ ޓެނިސް ޗެންޕިއަންޝިޕް އަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް ކަމަށެވެ. ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތްލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭ ކަމީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެގްރީމަންޓުގައި ސޮއިކުރައްވާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ އަދި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒެވެ.
ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ގައުމީ ސާފިން ޓީމްތަކުގެ އޮފިޝަލް ސްޕޮންސާގެ އިތުރުން ސުއިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ގައުމީ ޕާޓްނަރަކީ ވެސް ބީއެމްއެލްއެވެ.
މީގެ އިތުރުން، ސްޕޯޓްސް ސްކޮލަޝިޕް ފަންޑުގެ ދަށުން ބީއެމްއެލް އިން މިހާރު ދަނީ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ތަމްރީން ހޯދުމަށް ރާއްޖޭގެ 7 އެތްލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ