ބަރުލަމާނީ ކާޑު ގާސިމް އަތަށް، ޝައުގުވެރި ނިންމުމަކަށް ވާނެ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ދެ އަހަރު ކުރިން ޕެޓިޝަނެއް ހަދައި ސޮއި ހޯއްދެވުމުގެ ހަރަކާތެއް ފެއްޓެވި އެވެ. ހަމަ އެ ދުވަސްވަރު ކުއްލިއަކަށް "ގަދަ ނިދީގައި" އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) ހޭލައި މ. ކުނޫޒަށް ސަޕޯޓަރުން އެއްކޮށް، ފުލުފުލުގައި ޖަލްސާތައް ބާއްވަން ފެށި އެވެ.
ޖޭޕީގެ ލީޑަރު އަދި ރާއްޖޭގެ ކޮންމެ ރިޔާސީ އިންތިހާބެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރުމުގެ މުގުލުގައި އަބަދުވެސް ހުންނަވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އޭރު ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވަރުގަދަ އަށް ކެމްޕެއިން ކުރެއްވި އެވެ. ކޮންމެ ރެއެއް ކަހަލަ ގޮތަކަށް ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އާދޭސްތަކެއް ކުރެއްވި އެވެ؛
"ވެރިކަމުގެ ނިޒާމް [ބަރުލަމާނީ ނިޒާމަށް] ބަދަލު ކުރަން ދިވެހިރާއްޖޭގެ ރައްޔިތުން ނުވިސްނާތި. އަޅުގަނޑު ހަމަ އާދޭހާ އެކު ދަންނަވާނީ ރިޔާސީ ނިޒާމް ފިޔަވައި އެހެން ނިޒާމަކަށް ދާން އެއްގޮތަކަށް ވެސް ނުވިސްނާތި. އެއީ ވަރަށް ބޮޑު ހެއްލުމަކާއި ގެއްލުމެއް،" އޮގަސްޓް 30، 2021 ވަނަ ދުވަހުގެ ރޭ ޖޭޕީން ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން. އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް. ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނޫން. ވަކި މީހަކު ބޭނުންވީމަ އޭނަ ވެރިކަމަށް ގެންނަން ބޭނުންވެގެން ގާނޫނުއަސާސީ ބަދަލުކުރަން ކުރަން ދައްކާ ވާހަކައެއް."
އޮގަސްޓު 30، 2021 ގެ ރޭ ޖޭޕީން ބޭއްވި ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ--ފޮޓޯ: މިހާރު
ގާސިމް އެ ދުވަހު އެ ވާހަކަތައް އަމާޒު ކުރެއްވީ ސީދާ ނަޝީދަށެވެ. އެ މަނިކުފާނު ބަރުލަމާނީ ނިޒާމް ގެންނަ ބޭނުންފުޅު ވަނީ އަމިއްލަފުޅަށް ވެރިކަމަށް އާދެވޭނެ ހަމައެކަނި މަގަކީ އެއީ ކަމަށް ވާތީ ކަމަށް ގާސިމާއި ޖޭޕީގެ އިސް މެންބަރުން ތުހުމަތު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކެބިނެޓުގައި ތިއްބެވުމަކީ ކޮރަޕްޝަނަށް މާ ބޮޑަށް މަގުފަހީ ވާނެ ކަމެއް ކަމަށާއި އެންމެ ދާއިރާއަކުން އިންތިހާބުވާ މީހަކު ގައުމެއް ހިންގުމާ ހަވާލުވެވަޑައިގަތުމަކީ "ހަމަ ބުއްދި ނެތް މޮޔައެއް" ނޫނީ ތާއީދު ކުރާ ވަރުގެ ކަމެއް ނޫން ކަމަށް ގާސިމް އެ ދުވަހު ތަކުރާރުކޮށް ވިދާޅުވި އެވެ.
ގާސިމް އެ ދުވަސްވަރު ދެއްކެވި ވާހަކަތަކާއި ރައްޔިތުންގެ ކިބައިން ކުރެއްވި އާދޭސްތައް މިއަދު އަލުން އަކުރުން އަކުރަށް ހަނދާން ކުރަން ޖެހޭ ސަބަބަކީ އަނެއްކާވެސް މި އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ މަސްރަހު އެނބުރިފައި އޮތް ގޮތުންނެވެ. މިއަދު ވެރިކަމަށް އައުމަށްޓަކައި ބަރުލަމާނީގެ ކާޑު މުހިންމު ވަނީ ގާސިމަށެވެ. އަދި އެކަމަށްޓަކައި ޑީލެއް ހަދަން ޖެހިފައި އޮތީ އޭރު ފާޑު ވިދާޅުވި ނަޝީދާއެކު އެވެ! ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިއަށް ސިޔާސީ ޗާޓު ކުރަހާ ގޮތް ބަލަން އެތައް ބަޔަކު ޝައުގުވެރިވާ އެއް ސަބަބަކީ އެއީ ވެސް މެ އެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ނަޝީދު ކެތްމަދުވެފައި ހުންނެވިއިރު، ގާސިމްގެ ނިންމެވުން އަންނާނެ ގޮތް އަދި ނޭނގެ އެވެ.
ބަރުލަމާނީ ނިޒާމުގެ ވާހަކަ އަޑު އިވުމާއެކު ޖޭޕީ އެހާ ބޮޑަށް "ޓްރިގާ" ވެ، ގާސިމް އެ މޭރުމުން ވާހަކަ ދައްކަވާ ސަބަބު ގުޅިފައި އޮތީ ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި އެ ޕާޓީނ ނެރޭ ނަތީޖާއާ އެވެ.
ބަރުލަމާނީ ނިޒާމެއްގައި ކާމިޔާބު ސިޔާސީ ޕާޓީއަކަށް ވެވޭނީ މަޖިލިސް އިންތިހާބުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދައިގެންނެވެ. ވެރިކަން ކުރާނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީތަކެވެ. މިނިސްޓަރުންގެ މަގާމްތައް ބަހާނީ ވެރިކަން ކުރާ ޕާޓީ ނުވަތަ އެ ކޯލިޝަންގައި ހިމެނޭ މަޖިލިސް މެންބަރުންގެ މެދުގަ އެވެ. މިއީ ހައްތަހާ ވެސް އެ ނިޒާމާ މެދު ގާސިމް އޭރު ހިތްހަމަނުޖެހުން ފާޅު ކުރެއްވި ކަންކަމެވެ.
ޖޭޕީން މިހާތަނަށް ވާދަކުރި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިންތިހާބެއްގައި ވެސް އެންމެ އެކަށީގެންވާ ނަތީޖާއެއް އެ ޕާޓީ އަކަށް ނުނެރެވެ އެވެ. ފުރަތަމަ 2009 ވަނަ އަހަރު ޖޭޕީ އަށް މަޖިލީހުން ލިބުނީ އެންމެ ގޮނޑި އެކެވެ. ދެން އައީ 2014 އެވެ. އޭރު ވެރިކަން ކުރި ޕީޕީއެމާ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރުމުން ޖޭޕީ އަށް 15 ގޮނޑި ކާމިޔާބު ކުރެވުނެވެ. އަނެއްކާވެސް އެންމެ ފަހުން ބޭއްވި 2019 ވަނަ މަޖިލިސް އިންތިހާބުގައި ޖޭޕީ އެކަނި ނުކުންނަން ޖެހުމުން ކާމިޔާބު ލިބުނީ އެންމެ ފަސް ދާއިރާ އިންނެވެ.
"ރިޔާސީ ނިޒާމެއްގައި ޖުމްހޫރީ ޕާޓީ އަށް ކިންގް މޭކާގެ ނަން ދެވުނަސް ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ އެ ޕާޓީ އެއްޗަކަށް ނުވާނެ. މިހާރު ކޮންޓްރޯލް ކުރާ މިނިސްޓްރީތަކާއި ސަރުކާރުގެ މަގާމްތައް ހޯދުމުގެ ދޮރު ބަންދު ވާނެ،" ކުރީގެ މަޖިލީސް މެންބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ފަރާތުން މިދިޔަ ހަފުތާގެ ތެރޭގައި ގާސިމަށް ހުށަހަޅާފައިވާ "ބަރުލަމާނީ ޕްރޮޕޯސަލް" އޮތީ މަޖިލިސް އިންތިހާބުން މާބޮޑު ކާމިޔާބީއެއް ނުލިބުނަސް ސަރުކާރާއި ކެބިނެޓުން ބޮޑު ޖާގައެއް ލިބޭ ފަދަ ގޮތަކަށް އެ މައްސަލަތަކަށް ހައްލު ކޮށްފަ އެވެ.
ސޯޝަލް މީޑިއާ އަށް ލީކުވި އެ ކަރުދާހުގައިވާ ގޮތުން ދައުލަތް ހިންގުމުގެ އެންމެ މަތީ ޒިންމާ އަދާކުރާނީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ގޮތަށް ބޮޑުވަޒީރެވެ. މިނިސްޓަރުން ވެސް ނަގާނީ މަޖިލިސް މެންބަރުންގެ ތެރެއިންނެވެ.
އެންމެ ފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ނަޝީދާއި ގާސިމް އަތްޖައްސަވަނީ: ނަޝީދު ގެންގުޅުއްވާ ބަރުލަމާނީ ޕްރޮޕޯސަލަށް ގާސިމްގެ ތާއީދު ލިބޭ ގޮތަކުން ދެ ބޭފުޅުންގެ އަތްޖެއްސެވުން އަދި މާ ގަދަވާނެ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެކަމަކު، ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ (މި ހާލަތުގައި ގާސިމް) އައްޔަން ކުރާ މެންބަރުން ހިމެނިދާނެ ކަމަށް އެ ކަރުދާހުގައި ވެ އެވެ. ކެބިނެޓުގެ 40 ޕަސެންޓާ ހަމައަށް ގާސިމަށް މެންބަރުން އައްޔަން ކުރެއްވިދާނެ ކަމަށް އެ ހުށަހެޅުމުގައި ބަޔާން ކުރެ އެވެ.
އޭގެ މާނައަކީ މިހާރު ސަރުކާރުން ޖުމްހޫރީ ޕާޓީ އަށް ލިބިފައި އޮތް ވަރަށް ވުރެ ބޮޑު "ފޮއްޗެއް" ހޯދުމުގެ ފުރުސަތު ޖޭޕީ އަށް އެބައޮތެވެ. ރައިސުލްޖުމްހޫރިއްޔާގެ މަގާމާއި އެފަދަ ނިޒާމެއްގައި ބައެއް އެހެން ގައުމުތަކުގައި ރައީސަކަށް ނޯންނަ ވަރަށް ބައެއް ބާރުތައް ގާސިމަށް ދޫ ކުރާ ގޮތަށް ވަނީ ހުށަހަޅާފަ އެވެ.
މިކަމާ ގުޅޭ ގޮތުން "މިހާރު" އަށް ރަސްމީކޮށް ކޮމެންޓު ކުރެއްވި ޖޭޕީގެ ކޮންމެ މެންބަރަކު ވެސް ދެއްވަނީ ވަރަށް ޑިޕްލޮމެޓިކް ޖަވާބެކެވެ. އެ ޖަވާބު މި ވަގުތަށް އެގޮތަށް ދޭން ޖެހޭ ސަބަބު ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ދެއްވި އިންޓަވިއުއެއްގައި ރިޔާސީ ނިޒާމަށް ގާސިމް ތާއީދު ކުރައްވައި ވަރުގަދަ ސްޓޭންޑެއް ނެންގެވި ކަމަށް އޭނާ އެއްބަސްވެވަޑައިގަންނަވަ އެވެ. ނަމަވެސް އެކަމުގައި ހިޔާލު ތަފާތު ވާނެ މެމްބަރުން އެ ޕާޓީގެ ތެރޭގައި ވެސް ތިއްބަވާނެ ކަމަށާއި ގޮތެއް ނިންމާނީ ރައްޔިތުންގެ އާންމު ވިސްނުމާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ވިސްނާފައި ކަމަށް އަމީން ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ރައްޔިތުންނަށް ދެރައެއް ވާ ގޮތަކަށް ޖުމްހޫރީ ޕާޓީން ނިންމުމެއް ނުނިންމާނެ،" އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ހުށަހެޅުމާ ބެހޭ ގޮތުން އަމީނާއި ޖޭޕީގެ ބައެއް އެހެން މެންބަރުން ވެސް އެއް ކަމެއް ފާހަގަ ކުރެއްވި އެވެ. އެއީ އެ ހުށަހެޅުމުގެ އެއްވެސް ތަނެއްގައި "ބަރުލަމާނީ" އެ ލަފްޒު ބޭނުން ކޮށްފައި ނެތުމެވެ.
އެހެންވެ އެއީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން އައި ހުށަހެޅުމެއްތޯ ނުވަތަ ނޫންތޯ ވެސް ނުދެންނެވޭނެ ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވި އެވެ. "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް އެހެން މެންބަރުން ވަނީ ސީދާ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ބަދަލުގައި ރައީސަށް ވެސް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް މަސްހުނި ނިޒާމެއް ގެންނަން ޖޭޕީގެ ވަރަށް ގިނަ މެންބަރުންނަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ގާސިމްގެ އެންމެ އަރިސް ނަޝީދުގެ ޓީމާއެކު ރިޔާސީ އިންތިހާބަށް ފަންނީ މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަދި މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތައް ދަނީ ވަރަށް "ލަސް ސްޕީޑެއްގައި" ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"ސީދާ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ނުނިމި ވެސް ހިނގައިދާނެ،" މި ވަގުތު ނަން ހާމަކުރައްވަން ބޭނުން ނުވާ ޖޭޕީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
އެކަމަކު، އެ ވާހަކައާ ދެކޮޅު އެހެން މެމްބަރަކު ވިދާޅުވީ، ޖޭޕީން ރިޔާސީ އިންތިހާބަށް ކާމިޔާބުކަމާއެކު މަސައްކަތް ކުރެވޭނީ ނަޝީދު ގޮވައިގެން ކަމަށެވެ.
"އެހެންވީމާ ކޮމްޕްރޮމައިޒް ކުރަންޖެހޭ ކަންކަން ކޮންމްޕްރޮމައިޒް ކޮށްފައި ވެސް ރައީސް ނަޝީދާ އެކު ޖޭޕީ އޮތުން ބުއްދިވެރީ. އެ ނޫން ގޮތެއް އަޅުގަނޑަށް އަދި ނުވިސްނޭ،" ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅަކު ވިދާޅުވި އެވެ.
ސަން އައިލެންޑް ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު އޮތް ރޯދަވީއްލުމުގައި ނަޝީދާއި ގާސިމް އަދި އެ ދެބޭފުޅުންގެ ބައެއް އަރިސް ބޭފުޅުން.
އެކަމާ ގުޅޭ ގޮތުން "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާ ވާހަކަ ދައްކާލުމުން ވެސް ވިދާޅުވަނީ އެކަހަލަ ވާހަކަ އެކެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި އެ ފަރާތްތަކުން ވަނީ މީގެ ފަހުން ބަރުލަމާނީ ނިޒާމޭ ނުކިޔަން ނިންމާފަ އެވެ.
"އިބްރާހިމް ނާސިރު ވެސް މުހައްމަދު އަމީން އަކީ ވެސް ހަމަ ބޮޑުވަޒީރު ކަން ކުރެއްވި ބޭފުޅުން. އެހެންވެ އެ ގޮތަށް ދެން ވެސް ބޮޑުވަޒީރަކު ގައުމެއް ހިންގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ހަމަ އެންމެން ތާއީދު ކުރޭ،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި ގާސިމާއި ނަޝީދުގެ ދެމެދުގައި އަދިވެސް އޮތީ ވަރަށް ގާތް ގުޅުމެކެވެ. އެ ހުށަހެޅުންތަކަށް ފަހު ވެސް ދެ ބޭފުޅުން ތިއްބެވީ އެކުގައި މަސައްކަތް ކުރައްވާ ގޮތަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، ގާސިމާއި ނަޝީދު ބައްދަލު ކުރައްވާ ނަމަ އެ މަޝްވަރާތަކުގައި ވެސް ދައްކާނީ ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޝްވަރާއާއެކު ކަންކަން ނިންމަން، ރައްޔިތުންނަށް ހިދުމަތް ދޭން އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމް ކަަމަށް ހުރިހާ ބޭފުޅުން ވެސް އެއްބަސްވޭ. ވެރިކަމުގައި ތިބިހާ ހިނދަކު އެކަމާ ދެކޮޅަށް ކެމްޕެއިން ކުރިޔަސް ރައްޔިތުންނަށް ފައިދާ ވަނީ މި ނިޒާމުން ކަން ގަބޫލު ކުރޭ،" ބޮންޑޭ ވިދާޅުވި އެވެ.
މީގެ ކުރިން ބަރުލަމާނީ ނިޒާމަކީ "ވަކި މީހަކު ވެރިކަމަށް އަންނަން ބޭނުންވެގެން" ނުވަތަ އެއީ "ރައްޔިތުންނަށް މަންފާއެއް ހުރި ކަމެއް ނޫން" ކަމަށް ގާސިމް އަމިއްލަ އަށް ވިދާޅުވި ނަމަވެސް މިއަދު އެ ވާހަކަތައް "ހަނދާން ނެތިދާނެ" ދާނެ ފަދަ ކަންކަން ދަނީ ފެންމަތިވަމުންނެވެ.
މީގަ އޮތީ ދެ ގޮތެކެވެ. ބަރުލަމާނީގެ ހުށަހެޅުމާ ހެދި ގާސިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަޅިއަށް މޫނު އަނބުރާލާނީ އެވެ. ނޫނީ ކުރިން ވިދާޅުވި ވާހަކަތައް ކެންސަލް ކުރައްވައި ވެރިކަމަށްޓަކައި ބަރުލަމާނީ ނިޒާމަށް ވެސް "އޯކޭ" ޖައްސަވާނީ އެވެ. އެކަމަކު، އަދި ފެންނަނީ ތަންކޮޅެއް ލޮނުމަޑުކޮށް ކަންކަން ކުރިއަށް ދާ ތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ