އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ދަރަނި، ރައީސް މައުމޫން އަބްދުލްގައްޔޫމް ދައްކަވަން ޖެހިވަޑައިނުގަންނަވާނެކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ޑީއާރުޕީގެ ދަރަނި ރައީސް މައުމޫން ދައްކަވަން ޖެހިވަޑައިނުގަންނަވާނެކަމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކުރީ، 2010 ވަނަ އަހަރު، ޑީއާރުޕީން އެމްޓީސީސީއަށް ފައިސާ ދައްކަން ހުކުމްކޮށްފައިވާ މައްސަލައަކާ ގުޅިގެން، ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ، އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުން ބެލި މައްސަލައެއްގައެވެ.
2010 ވަނަ އަހަރު ކޮށްފައިވާ އެ ހުކުމުގައި ޑީއާރުޕީގެ މައްޗަށް އަމުރުކޮށްފައިވަނީ އެމްޓީސީސީން ހޯދާފައިވާ ހިދުމަތްތަކުގެ އަގަށްވާ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާށެވެ. އެކިފަހަރުމަތިން އެ ފައިސާ ދައްކަން ފުރުސަތު ދެވުނު އިރުވެސް އެ ފައިސާ ދައްކާފައި ނުވާއިރު، އެ ފައިސާ ހުކުމާ އެއްގޮތަށް ނުދެއްކުމުން ޑީއާރްޕީގެ ބޭންކް އެކައުންޓްތަކުގައި ފައިސާ ހުރިތޯ ބަލައިގެން ވެސް ހޯދުނީ އެންމެ 2،609 ރުފިޔާކަން ކޯޓުގެ ހުކުމުން އެނގެއެވެ. ހުކުމުން އެނގޭ ގޮތުގައި ޑީއާރުޕީގެ ބޭންކް އެކައުންޓުގައި އެންމެ 3000 ރުފިޔާވެސް މިހާރު ނެތެވެ.
މި މައްސަލައާ ގުޅިގެން ޑީއާރުޕީގެ ފައިސާ ދެއްކުމަށް ސިޔާސީ ޕާޓީގެ ގަވާއިދާ ހަވާލާދީ ރައީސް މައުމޫނަށް އަންގާފައިވަނީ، އެ ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ރައީސް މައުމޫން ހުންނެވުމުންނެވެ. ނަމަވެސް ސީދާ ރައީސް މައުމޫން އެ ފައިސާ ދައްކަވަން ޖެހިވަޑައިގަންނަވާކަމަށް އަމުރެއް ނެތުމުން، ރައީސް މައުމޫންގެ ފަރާތުން އެ ފައިސާ ދައްކަން އިންކާރު ކުރެއްވިކަން ކޯޓުގެ ހުކުމުން އެނގެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް އިއްވި ހުކުމުގައި ބުނެފައިވަނީ، އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ ރައީސް މައުމޫން ދެއްކުމަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ.
ޑީއާރުޕީއަކީ ރާއްޖެއަށް މަލްޓި ޕާޓީގެ ނިޒާމު އުފަންވުމާއިއެކު ދެވަނައަށް ރަޖިސްޓްރީ ކުރެވުނު ސިޔާސީ ޕާޓީއެވެ. ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 2005 ވަނަ އަހަރުގެ ޖުލައިމަހުގެ 21 ވަނަ ދުވަހު ކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަށް ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރުމަހުގައެވެ.
ރައީސް މައުމޫން، ޑީއާރުޕީގެ ދަރަނިދައްކަން ނުޖެހޭނެ: ސިވިލް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ