ޗާގޮސް މައްސަލަ: މައުލޫމާތު އާއްމުކޮށް ދެއްވަން ޑރ. ޝަހީދު އެދިވަޑައިގެންފި
ޗާގޯސްގެ މައްސަލާގައި 1982 އިން ފެށިގެން ރާއްޖެ އިން ނިންމާފައިވާ ހުރިހާ ނިންމުމެއް ހާމަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ދިވެހި ސަރުކާރަށް ގޮވާލައްވައިފި އެވެ.ޗާގޯސް މައްސަލައާ ގުޅުވައި އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ޝަހީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާއި ޗާގޯސްއާ ގުޅޭ ގޮތުން 1980 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި ނިއުޔޯކާއި ލަންޑަނުގައި ހުރި ރާއްޖޭގެ މިޝަންތަކުގައި ރައްކާ ކޮށްފައިވާ ފައިލްތައް އާއްމުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފެދޭނެ ކަމަކަށް ވާތީ އެވެ."މައުލޫމާތު އިތުބާރު އުފައްދާ، އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރިކުރުވޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.ޗާގޯސް މައްސަލައިގެ މައުލޫމާތު އާއްމުކޮށް ދެއްވަން ޝަހީދު އެދިވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުންނެވެ."މި ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާ ދެންނެވުމެއް. ސައްހަ ފުރިހަމަ މައުލޫމާތުގެ އަލީގައި ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައި ދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި އަދި ޔުނިވަސިޓީތަކުގެ ޒިންމާއެއް،" ޑރ. ޝަހީދުގެ ޓުވީޓުގައިވެއެވެ.ޗާގޯސްއާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ކަނޑައެޅުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ އިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ. ޝަހީދު އެދިވަޑައިގެންނެވި މައުލޫމާތު އާއްމުކޮށްފި ނަމަ ބަންޑާރަނައިބެެއްގެ ހައިސިއްޔަތުން މުނައްވަރު ކުރައްވާފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ވެސް އޭގެ ތެރޭގައި ހިމެނޭނެ އެެވެ.ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަނީ މޮރިޝަސްއަށް ކަމަށް އައިސީޖޭ އިން ނިންމުމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ މޮރިޝަސްއާއި ރާއްޖެއާ ފުށުއަރާ ސަރަހައްދު ބަހައިފަ އެވެ. އެ ނިންމުމުން ރާއްޖޭގެ އީއީޒެޑުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ޕާޓީތަކާއި ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވައެވެ.ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހަށްވެސް ކުރީން އޮތީ ހުށައަޅާފައެވެ. އެކަމަކު، އެ ސިޓީފުޅު ސިއްރު ކޮށްފައިވާ މައްސަލާގައި ގިނަ ސިޔާސީ ޕާޓީތަކުގެ މީހުންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.ނަމަވެސް ސިޓީ ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.އިޓްލޮސްގެ ނިންމުމާއެކު ފުށުއަރާ ސަރަހައްދުން ރާއްޖެ އަށް 47،232 އަކަ ކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ