ރޯދަމަހު ހަވީރު މާލޭގައި މުދާ އުފުލުން މަނާ

ރޯދަމަހު ހަވީރު 16:30
ފެށިގެން ރޭގަނޑު 20:00 އަށް މާލޭގައި މުދާ އުފުލުން މަނާ ކަމަށް ޓްރާންސްޕޯޓް
މިނިސްޓްރީ އިން ބުނެފިއެވެ.
ރޯދަމަހު ގްރޭޓަރ މާލެ
ސަރަހައްދުގައި މުދާ އުފުލޭނެ ވަގުތުތައް ބަޔާން ކޮށްދީ އެމިނިސްޓްރީ އިން
ނެރެފައިވާ އިއްލާނުގައި ބުނެފައިވަނީ 
ރޯދަމަހު ހަވީރު
16:30 އިން ފެށިގެން 20:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް،
އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާ ކަމެއް ކަމަށެވެ.
އެ އިއްލާނުގައި މުދާ އުފުލޭނެ ގަޑި ތަކެއް ކަމުގައި ބުނެފައިވަނީ ވަނީ
ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން
ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ
އުޅަނދުގައި އުފުލޭނެ ކަމަށެވެ.
Advertisement
އަދި ހަމަ އެހެންމެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި
ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި
މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް
އެރޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށާއި، އަދި މިނޫން
ވަގުތުތަކުގައި ބުރިޖުމަތިން މުދާ އުފުލުމަކީ މަނާކަމެއް ކަމަށްވެސް ބުނެފައި
ވެއެވެ.
މީގެ އިތުރުން، ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ރޭގަނޑު
20:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެ
ކަމަށާއި އެނޫން ވަގުތުތަކުގައި ބުރިޖުމަތިން ފެނާއި ކައްކާ ގޭސް އުފުލުމަކީ
މަނާކަމެއް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ހަމަ އެހެންމެ މި އިއްލާނުގައި ވާ ގޮތާއި ޚިލާފުވާ ފަރާތްތައް 750 ގެ
ޖޫރިމަނާއަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައެވެ. އަދި މި އިއްލާނުގައި ވާ
ގޮތަށް ޢަމަލު ކުރަން ޖެހޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު
މަހުގެ 7 ވަނަ ދުވަހަށް ކަމަށް އެ އިއްލާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ