ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަލައިނުގަނެ އެ ބިލު އަނބުރާ ގެންދިޔުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ގޮވާލައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހަޅާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އެ ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވަނީ މިއީ ރަށްރަށުގެ ކަންކަން އަލުން އަނބުރާ މާލޭގެ މައި ސަރުކާރުން ނިންމާ ގޮތަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލެއްކަން ފާހަގަކުރައްވާފަ އެވެ. އެ ބިލުގައި ވަނީ ކައުންސިލުގެ ފަހު އަހަރު ކަންކަން ނުކުރެވޭ ގޮތަށް ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
"ކައުންސިލްތަކުން ރައްޔިތުންނަށް އެއްވެސް ކަހަލަ ހިދުމަތެއް ނުދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްގޮތަކަށް ވެސް [ކުރެވިގެން ވާނެ ކަމެއް ނޫން].... ފަސް އަހަރުގެ ދައުރެއް ދީފައި ފަހު އަހަރު ދެން ކީއްކުރަންތޯ މި އުޅުއްވަނީ، އެހާ ސާފެއް ނޫން،" ނާޒިލް ވިދާޅުވި އެވެ.
ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
"ރިޔާސީ ދައުރެއްގެ ފަހު އަހަރު، އެ ދައުރުގައި ވަޒީފާ ދެވިފައި، އެ ދައުރުގައި ރަށްރަށް ދެވިފައި، އެ ދައުރުގައި ހުރިހާ ކަމެއް ކުރެވޭއިރު ކައުންސިލަރެއްގެ ދައުރުގައި ހުރިހާ ކަމެއް ނުކުރެވެންވީ ކީއްވެގެންތޯ، އެ އަހަރު ތެރޭ،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
"އަޅުގަނޑުގެ ދާއިރާގައި ސަރުކާރުގެ އެހީއަކުން ނޫން ރަށްރަށުގެ ކުނިކަހާ ސާފުކޮށް ބަލަހައްޓަމުން އެ ދަނީ، މުސްކުޅިންނަށް އެހީތެރިވާން ހާއްސަ ޑެސްކުތަކެއް ހަދައިގެން މަސައްކަތް ކުރަނީ، މުސްކުޅިން ދަތުރުފަތުރުކުރުން ހިލޭ ކުރަމުން އެދަނީ، މިއަދު ޕްރީ ސްކޫލް ހިންގަމުން އެ ދަނީ ކައުންސިލުން ކުރާ މަސައްކަތުން. މިއީ ނިޒާމުގެ މައްސަލައެއް ނޫން،" ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވި އެވެ.
ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
"މިއީ ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ، ލާމަރުކަޒީ ނިޒާމު މަފްހޫމް ގަބޫލުނުކުރާ ޕާޓީއަކުން ދައްކާނެ ވާހަކަ. އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަކީ މި ސަރުކާރަށް، މަޖިލީހުގެ މެންބަރުންނަށް ވަރަށް ރަނގަޅު ބަހެއް އިއްވަން ލިބޭނެ ފުރުސަތެއް. އަނެއްކާ ވެސް އެ ދިމާކުރަނީ މަޖިލީހުގެ މެޖޯރިޓީގެ ނަހަމަ ބޭނުން ހިފައިގެން ލާމަރުކަޒީ ނިޒާމު ފުނޑާލަން،" ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
"ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހެނީ މައި ސަރުކާރަކުންނެއް ނޫން. ވެގެން މި އުޅޭ ގޮތަކީ މައި ސަރުކާރުން އެއްވެސް ޕްރޮޖެކްޓެއް ނުހިންގޭތީ އޭގެ ބަދަލުގައި ކައުންސިލްތަކުން ރަށްރަށުގައި ކުރާ ކަންކަން ހުއްޓުވާލަން އުޅުން،" ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ވިދާޅުވި އެވެ.
ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ބަހުސްގައި ފާހަގަކުރެއްވި ގޮތުގައި މިއީ ކޮންމެހެން ގެންނަން ޖެހޭ ބަދަލެކެވެ. އެއީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ވެސް ފައިދާ ކުރާނެ ބަދަލެއްގެ ގޮތުގައި އެ ޕާޓީގެ މެންބަރުން ސިފަކުރެއްވި އެވެ.
ކައުންސިލްތައް "ޕެރަލައިޒް" ކުރަން ހުށަހެޅި ބިލާ އެމްޑީޕީގެ މެންބަރުން ދެކޮޅު ކައުންސިލްތައް "ޕެރަލައިޒް" ކުރަން ހުށަހެޅި ބިލާ އެމްޑީޕީގެ މެންބަރުން ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ