ފާރު ތަޅާލި ދެ ފްލެޓް ހުސްކުރުން ކޯޓުން ނުހުއްޓުވި

ފާރު ތަޅާލައިގެން ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ދެ އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ހިޔާ ފްލެޓްގެ ފާރެއް ތަޅާލުމަށްފަހު ދެ އެޕާޓްމެންޓެއް އެއްބަސްވުމާ ހިލާފަށް އެއްކޮށްލި މައްސަލާގައި ދެތަނުގެ ވެރިފަރާތް 200،000 ރުފިޔާ އިން ޖޫރިމަނާކޮށް, ފާރު ރާނަން އެންގި އެވެ. އެ އެންގުމަށް އަމަލު ނުކުރުމުން އެތަން ހުސްކުރަން އެޗްޑީސީން އޮތީ އަންގައިފަ އެވެ.
އެ ދެތަނުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާކުރަން ބޭނުންވީ އެޗްޑީސީގެ އެންގުން ބާތިލް ކުރުމަށެވެ. އަދި އެ މައްސަލަ ހުށަހެޅެންދެން އެތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުމުން ކޯޓުން މިއަދު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ކޯޓުގެ ނިންމުމުގައިވަނީ ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރުނަސް އިއާދަ ނުކުރެވޭނެ ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ ނިންމުމުގައިވަނީ އެ އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމާއި އެއްމެދު އިމާރާތުގެ ގާނޫނާ އެނގިހުރެ ހިލާފަށް ކަންކަން ކުރުމަށްފަހު ކަމަށްވާތީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އެ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ