ޢިބްރަތްތެރި ވާހަކަ: ބޮސްއާ ކައިވެނިކުރަން ލިބުނު ފުރުޞަތުގެ ބޭނުން ނުކޮށް އެދެމަފިރިންނަށް އުފާވެރިކަން ހޯދައިދިން އަންހެނަކަށް ލިބުނު ބޮޑު ހެޔޮ ބަދަލުގެ ވާހަކަ-

އަޅުގަނޑުމެންނަށް ދަރިއަކު ލިބުނީ އަޅުގަނޑުމެންގެ ކައިވެންޏަށް 5 ވަނަ އަހަރުގައެވެ. ބަނޑަށް 4 މަހުގައި ވަރަށް ގިނަ އުނދަގޫތައް ވާންފެށިއެވެ. އެހެންވެ އޮފީހުން ޗުއްޓީވެސް ނެގީމެވެ. އެކަމަކު އެކަންވީ ލިބުނު ބޮޑު ނިކަމެތިކަމަކަށެވެ.  
ގޭގައި ހުންނަން ފެށުމުން ފިރިމީހާ އަޅުގަނޑަށް ޖައްސާ މަސައްކަތް ގިނަކުރިއެވެ. ގޭގައި ގެންގުޅޭ ނޯކަރުންނަށް އަމުރުކުރާހެން އަމުރުކުރަން ފެށިއެވެ. ބަލިވެ ނުތެދުވެވި އޮންނަ ދުވަސްދުވަހުވެސް އަޅައިލުމުގެ ބަދަލުގައި އެއްޗެތިގޮވުން ގިނަކުރިއެވެ.  
ފިރިމީހާއަށް ވިސްނައިދޭން ވަރަށް މަސައްކަތްކުރީމެވެ. ގޭގެ މަސައްކަތް ނުކުރެވެނީ ވަރުބަލިވާވަރުން ކަމަށް ބުނެފިނަމަ ބުނާނީ ބަލިވެ އިނުމަކީ ބައްޔެއް ނޫން ކަމަށާއި އެއީ ކަންނެތެވެ އެނދުގައި އޮންނަން ދައްކާ ބަހަނާއަކަށް ނުހެދުމަށެވެ.  
އެހާލަތުގައި ގެއިން ނުކުމެގެންދާން ބޭނުންވިއެވެ. ނަމަވެސް ދާނެ ތަނެއް ނެތެވެ. މައިންބަފައިންގެ ގެދޮރެއް ނެތެވެ. އުޅެނީ ކުއްޔަށެވެ. އަޅުގަނޑު ހިނގައްޖެނަމަ އެމީހުންނަށް އެކަންވާނީ ވަރަށް ބޮޑު ތަކްލީފަކަށެވެ. އެހެންވެ ކެތްތެރިވާން މަސައްކަތްކުރީމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އެއީ ވިހަން ބަނޑުގައި ރިއްސި ދުވަހެވެ. ހެނދުނު ހޭލެވުނުއިރުވެސް ހުރީ ރިއްސާފައެވެ. އެކަމަކު ހޮސްޕިޓަލަށް ނުގޮސް މަޑުކޮށްލައިގެން އިންދާ ފިރިމީހާ ގެއަށް އައި ގޮތަށް ފުރަތަމަވެސް އަޅުގަނޑު ވަރިކުރީއެވެ. ފިރިމީހާގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވި ދުވަހު ފިރިމީހާ ގެއްލުނީއެވެ.  
ކުރިން ހީވެސް ކުރެވިފައި ނެތް ޙާލަތެއް ކުރިމަތިވީއެވެ. އެކަމަކުވެސް އަޅުގަނޑުގެ ހިތްވަރެއް ނުއެލެއެވެ. ހިތްވަރު ލިބުނެވެ. ފޮށި ތައްޔާރުކޮށްލައިގެން ގެއިން ނުކުތީމެވެ. އިތުރު ވާހަކަ ދައްކައި އާދޭސްކުރާކަށް ނުހަދަމެވެ.  
ޓެކްސީއެއް ހުއްޓުވައިގެން ދިއައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ޑޮކްޓަރަށް ދެއްކުމާއިއެކު އެޑްމިޓްކޮށްފިއެވެ. އެރޭ އަޅުގަނޑު ވިހައިފިއެވެ. ލިބުނީ ލޯބިލޯބި އަނހެން ކުއްޖެކެވެ.  
އަޅުގަނޑު ވިސްނައިގެން ހުރީތީ އަތުގައި ފައިސާކޮޅެއް ހުއްޓެވެ. އެއީ މަސައްކަތްކުރިއިރު ލިބުނު މުސާރައިން ވިހެއުމަސް ރައްކާކޮށްފައި ހުރި ފައިސާކޮޅެވެ. އެހެންވެ ބިލް ނުދެއްކިދާނެތީ ކަންބޮޑެއް ނުވަމެވެ.  
ވިހައި ހުރިހާ ކަންކަން ނިމުމުން މަންމައަށް ގުޅައި ވިހައިގެން އޮތްވާހަކަ ބުނުމާއިއެކު މަންމަމެން އަތުވެއްޖެއެވެ. އެހީތެރިވާން ފަށައިފިއެވެ. 2 ދުވަސްވެގެން ދޫކޮށްލަންވީއިރުވެސް ފިރިމީހާ ނުފެންނާތީ ސުވާލުކުރުމުން ކަންކަން ވެފައިވާ ގޮތް ކިޔައިދިނީމެވެ.  
އެވާހަކަ ދައްކަން ތިއްބައި ހަގު ކޮއްކޮ 2،3 އެކުވެރިންނާއިއެކު އައިސްވަނުމުން އޭނާއަށްވެސް އެވާހަކަތައް އަޑުއިވުނެވެ. އެއީ ވަރަށް ޖެހިލުން ކުޑަ ކޮއްކޮއެކެވެ. ފުރަތަމަވެސް އޭނާގެ އެކުވެރިއަކާއި ސުވާލުކުރިއެވެ. "ވަޖީހުގެ ދައްތަ އުޅުނު ކޮޓަރި ހުހަށް އެބަހުރި ނޫންހެއްޔެވެ؟ ދޮންތައަށް ވަޒީފާއަށް ނުކުމެވި ގޮތެއް ހޯދެންދެން ކުއްޔަށްދޭންވީ ނޫންހެއްޔެވެ؟ އަހަރެން ކުލި ދައްކާނަމެވެ. އަަހރެމެން މިއުޅޭ ތަންކޮޅަށް ދޮންތަ ގެންގޮސްގެން އުޅެން ވަރަށް އުނދަގޫވާނެތީއެވެ."  
ކޮއްކޮގެ ހުށަހެޅުން ވަޖީހް ޤަބޫލުކުރިއެވެ. ބުންޏެވެ. "ކޮން ކުއްޔެއް ހެއްޔެވެ؟ ދޮންތަ އިންނާނެހައި ދުވަހަކު އިނދެވޭނެއެވެ. ދައްތަ އެނބުރި އަންނާނީ 2 އަހަރު ފަހުންނެވެ. އަނެއްކާ ގޭގައި އިންނާނެ އަނހެނަކު މިހާރު ނެތުމުން ގެ ވަރަށް ފަޅުވާނެއެވެ. ގެ ބަލަހއްޓާނެ މީހަކުވެސް ލިބުނީ ނޫން ހެއްޔެވެ؟"  
އެހިސާބަށް ދިއަތަނާ އަޅުގަނޑުގެ ބޮސްގެ ދެމަފިރިން އައިސް ވަދެއްޖެއެވެ. ވިހާފައި އެމީހުންނަށް އަންގައިނބުލީތީ ވަރަށް ޝަކުވާކުރިއެވެ. ބޮސްގެ އަނބިމީހާ "މެޑަމް" އަޅުގަނޑު ދެކެ ވަރަށް ލޯބިވާނެއެވެ. އޮފީހުގައި އަޅުގަނޑުގެ ސީދާ ބޮސްއަކީވެސް މެޑަމްއެވެ. ފުރަތަމަވެސް ސުވާލުކުރީ ފިރިމީހާ ކޮބައިތޯ އާއި ބިލްދައްކައިފިތޯއެވެ.  
އެހިސާބުން ފިރިމީހާގެ ވާހަކަ ކިޔައިދިނީމެވެ. އަދި ބިލް ތައްޔާރުކުރަން ބުނެގެން އުޅޭކަމަށްވެސް ބުނީމެވެ. "އެހެންވީއިރު ހޮސްޕުޓަލުން ދަނީ ކޮން ގެއަކަށްތޯ ސުވާލުކުރުމުން ޖަވާބު ނުދީ މަޑުކޮށްލުމުން މެޑަމް ބުންޏެވެ. "އަހަރެމެންނާއިއެކު ހިނގާށެވެ. ގަދަވަންދެން އަހަރެމެންގެ ގާތުގައި އިންނާށެވެ. މަންމަމެންނަށްވެސް އައިސް އުޅެވޭނެއެވެ." އެހެން ބުނެފައި އެގޮތް ޤަބޫލުތޯ މަންމައާއި ސުވާލުކުރުމުން މަންމަ ވަޤުތުން ޤަބޫލުވެއްޖެއެވެ.  
ހޮސްޕިޓަލުގެ ބިލް ދައްކައިދިނީވެސް މެޑަމްއެވެ. ގެއަށް ގެންގޮސް ބަލައިދިނެވެ. ގަދަވުމުން އޮފީހަށް ގެންގޮސް ގެނެސްދީ ހެދީވެސް ކާރުގައި ދެމަފިރިންނާއިއެކުގައެވެ. އެހެން އުޅެމުން ގޮސް ދަރިފުޅަށް އަހަރުވީތަނާ އެދެމަފިރިން ދެއްކި ޒުވާނަކާއި ކައިވެނިކުރީއެވެ. އެކައިވެނީގައި މިހާރު 8 އަހަރުވެއްޖެއެވެ. ދެވަނަ ކައިވެންޏަށް 3 ދަރިންވެސް ލިބިއްޖެއެވެ. ކައިވެނި ކުރުވާފައި ދޫކޮށްލީއެއް ނޫނެވެ. ފްލެޓެއްގެ އެޑްވާންސްވެސް ދައްކައިދީ ފްލެޓެއް ހޯދައިދިނެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.  
މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅު ޙިއްޞާކޮށްމިލީ އެންމެ ބޭނުމަކުއެވެ. އެއީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެންނެވެ. އެއީ މެޑަމް އަޅުގަނޑަށް އެހައި ހެޔޮކޮށް ކަންކަން ކޮށްދިން ސަބަބެވެ. އެ ސަބަބަކީ ބޮސް ގޯޅިއަޅަމުން ދިއަ ދުވަސްވަރު ދެމަފިރިންގެ ކައިވެނި ސަލާމަތްކޮށްދިނީތީއެވެ. ލިބެން އޮތް އަމިއްލަ ފައިދާއަށްވުރެ ދެމަފިރިންގެ ކައިވެނި ނުރޫޅި ދެމިއޮންނަން އެހީތެރިވެދިނީތީއެވެ.  
އަޅުގަނޑުގެ ނަޞޭޙަތަކީ ކިތަންމެ ބޮޑު ފައިދާއެއް ލިބެން އޮތަސް ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ ދިރިއުޅުން ހަލާކުނުކުރާށެވެ! އެދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކޮށްދެވޭތޯ ބަލާށެވެ. އެކަމުން ތިމާއަށް އެވަގުތު ގެއްލުމެއް ލިބިއްޖެ ކަމަށް ޤަބޫލުކުރެވުނަސް ޙަޤީޤަތަކީ ފަހުން ކުރާނެ ފައިދާ މާބޮޑުވާނެ ކަމެވެ. އަޅުގަނޑަށް މިވަނީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. އިން ޝާ ﷲ  
- ފާއިޤާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ