ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރު، ދެ ހަފްތާއަށް ސަސްޕެންޑްކޮށްފިއެވެ.
އޭނާ ސަސްޕެންޑް ކުރީ ދ ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި، ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ހުށަހެޅި އިރު ދޮގު މަޢުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެއެވެ.
ދައުލަތުގެ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމަކީ، ކޮށްގެންވާނެ ޢަމަލެއް ކަމަށް ގަބޫލުނުކުރެވޭތީ އާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުން ކަމަށް ތަހްގީގަށް ފެންނާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އާމިރުގެ މި އަމަލަކީ ގާނޫނު އަސާސީއާއި ޚިލާފު އަމަލެއްގެ ގޮތުގައި ޖޭއެސްސީއިން ވަނީ ނިންމާފައެވެ. އެގޮތުން މިއީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރާއި، ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8، 3.1، އަދި 3.2 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމުގައި ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އާމިރު ވަޒީފާގެ މަސައްކަތަށް ނުކުތުން 2023 ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން 2 (ދޭއް) ހަފްތާއަށް މަނާކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ދެ ހަފްތާއަށް ސަސްޕެންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ