ބޯހިޔާވަހިކަމަށް ހުޅުވައިލި ސްކީމަށް ޖުމްލަ 58،505 އެޕްލިކޭޝަން ހުށަހެޅި!

ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ހުޅުވައިލި ތިން ސްކީމަކަށް ޖުމްލަ 58،505 ،ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވައިލި، "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ސްކީމްތަކަށް ފޯމު ހުށަހަޅާފައިވާ ގޮތުގެ ތަފްސީލު:. އާއިލީ ބޯހިޔާވަހިކަން: މި ސްކީމަށް ޖުމްލަ 45،644 ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،818 ފޯމާއި ބިމަށް އެދި ހުށަހެޅި 9،826 ފޯމެވެ. ގޯތިގެދޮރު ސްކީމް: މި ސްކީމަށް ޖުމްލަ 12،861 އެޕްލިކޭޝަން ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 12،749 ފޯމާއި ފްލެޓަށް އެދި ހުށަހެޅި 112 ފޯމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަކީ ގައުމީ ފެންވަރުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ހައްލުކުރަން ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރާއި މި އަހަރުގެ މިހާތަނަށް ވެސް ހައުސިން އަށް ސަރުކާރުގެ ބަޖެޓުން މާ ބޮޑު ހޭދައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ