އަހާންއަށް ތަޖުރިބާކާރު ދެ ޑައިރެކްޓަރެއްގެ ފިލްމެއް

ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ބޮލީވުޑްގެ ޒުވާން އެކްޓަރު އަހާން ޕާންޑޭއަށް މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ އާނަންދު އެލް ރާއީ އަދި ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމު "ސައްޔާރާ"އަށް ލިބުނު ތާރީޚީ ކާމިޔާބީއަށްފަހު، އަހާން ޕާންޑޭ ވެފައި ވަނީ ހިންދީ ސިނަމާގައި މިވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތް އެއް އެކްޓަރަށެވެ. ފިލްމު އުފައްދާ ގިނަ ފަރާތްތަކަކުން އޭނާއަށް ފުރުސަތުތައް ހުށަހަޅަމުންދާއިރު، އަހާން އަންނަނީ ކާމިޔާބު ފިލްމު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ގޭންގްސްޓަ ލޯބީގެ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އަލީ އައްބާސްގެ މަޝްހޫރު ފިލްމުތަކުގެތެރޭ "ޓައިގާ ޒިންދާހޭ" އަދި "ސުލްތާން" ހިމެނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ފިލްމު 'ތޭރޭ އިޝްގް މޭ'އަށް ފަހު ޑައިރެކްޓަރު އާނަންދު އެލް ރާއީ ޑައިރެކްޓްކުރާ އާ ފިލްމު ވަނީ އަހާންއަށް ހުށަހަޅާފައެވެ. އަހާން އެ ފިލްމުގެ ސްކްރިޕްޓަށް ޝައުގުވެރިވީ ނަމަވެސް، ފިލްމާމެދު ގޮތެއް ނިންމާނީ ފިލްމުގެ ފުރިހަމަ ސްކްރިޕްޓް ކިޔުމަށްފަހުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަހާން ޕާންޑޭ އަދި ފިލްމު ޑައިރެކްޓަރުން ކަމަށްވާ އާނަންދު އެލް ރާއި އަދި ރާކޭޝް އޯމްޕްރަކާޝް--ފޮޓޯ/ބޮލީވުޑްހަންގާމާ މީގެ އިތުރުން، ރާކޭޝް އޯމްޕްރަކާޝް މެހެރާ އަދި އެކްސެލް އެންޓަޓައިންމަންޓުން "ކަރްނާ"ގެ ނަމުގައި އުފައްދަން ނިންމާފައިވާ ފިލްމުގެ ލީޑް ރޯލު ވެސް އަހާންއަށް ވަނީ ހުށަހަޅާފައެވެ. ފިލްމު "ކަރްނާ" އަކީ މަހާބާރަތުގެ ޝަހުސިއްޔަތެއްގެ މައްޗަށް ބިނާކޮށް އުފައްދާ، އުންމީދީ އެކްޝަން ފިލްމެކެވެ. ފިލްމު އުފައްދާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ޝަހުސިއްޔަތު ސްކްރީނަށް ގެނައުމަށް އެންމެ އެކަށީގެންވަނީ އަހާންއެވެ. އަހާން މި ފިލްމުގެ މަސައްކަތާމެދު ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި، ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމުތަކުގެ އިތުރުން، އަހާންއަށް މިހާތަނަށް މަދުވެގެން 10 ފިލްމެއްގެ ހުށަހެޅުން ލިބުނު ނަމަވެސް އެ ފިލްމުތައް އޭނާ ވަނީ ދޫކޮށްލާފައެވެ. އަހާން ބޭނުންވަނީ ބެލުންތެރިން މާޔޫސް ނުވާނެ ފަދަ، އެ މީހުންގެ އިތުބާރު ހިފޭނެ މޮޅު މަސައްކަތްތަކެއް ސްކްރީން މެދުވެެރިކޮށް އޯޑިއަންސަށް ދެއްކުމަށެވެ. ފިލްމު "ސައްޔާރާ"އިން ބެލުންތެރިން ދިން ލޯބީގެ އަގުވަޒަންކޮށް ދެންވެސް ސްކްރީނަށް ގެނެސްދޭނީ އެފަދަ އޯޑިއަންސް ޖަޒުބާތުގައި ޖައްސާލާނެ ފިލްމުތައް ކަމަށް އަހާންއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ