ވީއައިއޭގެ އާ ޓާމިނަލަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

ލަންކާގެ އެންޑީބީ އިންވެސްޓުމެންޓު ބޭންކު މެދުވެރިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުގެ ކެޕިޓަލް ހަރަދުތައް ހަމަޖެއްސުމަށް 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ)ގެ ލޯނެއް އެމްއޭސީއެލް އިން ނަގައިފި އެވެ.
ވީ ކިހިނެއް؟ - ލަންކާގެ ބައެއް ނޫސްތަކުގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުން، އެމްއޭސީއެލްއަށް މި ލޯނު ހަމަޖައްސައިދީފައިވަނީ 5 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
ތަފްސީލް - މި ލޯނުގެ މުއާމަލާތުގައި އިސްކޮށް ހަރަކާތްތެރިވީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކު (އެޗުއެންބީ) ކަމަށާއި މީގެ އިތުރުން ނެޝަނަލް ޓްރަސްޓު ބޭންކާއި ހަބީބް ބޭންކުގެ ރާއްޖޭގެ ބްރާންޗު ވެސް މި މުއާމަލާތުގައި ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި މުއާމަލާތާ ގުޅޭ ގޮތުން އެންޑީބީ އިންވެސްޓުމެންންޓު ބޭންކުގެ ސީއީއޯ ހަރްޝަނާ ޖަޔަވީރަ ވިދާޅުވީ މި ލޯނު މުއާމަލާތް ކުރިއަށް ގެންދިޔައީ ރާއްޖޭގެ މާކެޓަކީ އެ ކުންފުންޏަށް ފަރިތަ މާކެޓަކަށް ވެފައި، އެންޑީބީއަކީ މިފަދަ މުއާމަލާތްތައް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ވާތީ ކަމަށެވެ.
އެންޑީބީން ވަނީ އުރީދޫ މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ)ގެ ހިއްސާ އާންމުންނަށް ވިއްކުމުގެ މުއާމަލާތުގައި އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
މީގެ އިތުރުން، ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ކުންފުންޏަކަށް ބޭނުންވާ 18 މިލިއަން ޑޮލަރުގެ ރިވޯލްވިން ކްރެޑިޓް ފެސިލިޓީއަކާއި 10 މިލިއަން ޑޮލަރުގެ ޓާމް ލޯނެއް ހަމަޖެއްސުމުގައި ވެސް އެ ކުންފުނިން ވަނީ އެހީތެރިވެފަ އެވެ.
އެންޑީބީ އިންވެސްޓްމަންޓް ބޭންކުގެ ސީއޯއޯ ކޯޝިނީ ލަކްޝްމަނަގޭ ވިދާޅުވީ، ރާއްޖެއަށް މިވަގުތު މާލީ ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ނަމަވެސް، ބޭންކުތަކާއި މި މުއާމަލާތަށް ގާނޫނީ ލަފާދިން ލަންކާގެ އެފްޖޭ އެންޑް ޖީ ޑި ސަރާމް އަދި ރާއްޖޭގެ އެސްއެޗުސީ ލޯ އެންޑް ޓެކްސް އެލްއެލްޕީގެ އެހީތެރިކަމާ އެކު މި މުއާމަލާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
އެނގުން މުހިއްމު - މި މުއާމަލާތާ ގުޅޭ ގޮތުން އެމްއޭސީއެލް އިން އަދި ދިވެހި ސަރުކާރުން ވެސް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފާހަގަ ކުރެވޭ - ވީއައިއޭގެ އިންޓަނޭޝަނަލް ހުރިހާ ދަތުރެއް މިހާރު ވަނީ، މިދިޔަ 26 ޖުލައިގައި ހުޅުވި އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ޓާމިނަލުގެ މަސައްކަތަށް ގާތްގަނޑަކަށް 7 ބިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އިތުރުން ކުވެއިތު ފަންޑުން ވެސް ވަނީ ލޯނު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ