އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ސްރީ ލަންކާއިން ޖާގަ ނުދިން

އެމެރިކާގެ އަސްކަރީ ދެ މަތިންދާބޯޓެއް ސްރީލަންކާގެ މަޓާލާ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކުރުމަށް އެދުނު އެދުމަށް އެ ޤައުމުން ނޫނެކޭ ބުނެފައިވާކަން ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ ހާމަކުރެއްވުމާ ގުޅިގެން، ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ދިސާނާޔަކަ ވިދާޅުވީ، ޖިބޫޓީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކުން ފުރައިގެން އަންނަ ދެ ބޯޓެއް މި މަހުގެ ހަތަރު ވަނަ އަދި އަށް ވަނަ ދުވަހު މަޓާލާ އެއާޕޯޓަށް ތިރިކުރުމުގެ ހުއްދައަށް އެމެރިކާއިން އެދުނު ކަމަށެވެ. ނަމަވެސް، އެ ބޯޓުތަކަކީ އަށް އެންޓި-ޝިޕް މިސައިލް ހަރުކޮށްފައިވާ ބޯޓުތަކަކަށް ވުމާއެކު، އެ ހުއްދަ ދެވެން ނެތްކަމަށް ލަންކާއިން އެންގީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ކިތަންމެ ފިއްތުންތަކެއް ކުރިމަތިވިޔަސް ވަކި ފަރާތަކަށް ނުޖެހި ތިބުމަށް. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކެއް އެބަހުރި، ނަމަވެސް ވަކި ފަރާތަކަށް ނުޖެހުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ދިސާނާޔަކަ ވިދާޅުވިއެވެ. މި ނިންމުން ނިންމާފައިވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ލަންކާގެ ދެކުނު އައްސޭރިފަށާ ކައިރިން އީރާނުގެ އަސްކަރީ މަނަވަރެއް ކަމަށްވާ 'އައިއާރުއައިއެސް ދޭނާ' އަށް އެމެރިކާއިން ޙަމަލާދީ 84 މީހުން މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އެ ޙާދިސާގައި ލަންކާގެ ކަނޑުގެ ސިފައިން ވަނީ 32 މީހަކު ސަލާމަތްކޮށްފައެވެ. ރައީސް ދިސާނާޔަކަ އިތުރަށް ވިދާޅުވީ، އީރާނުގެ ތިން މަނަވަރެއް ލަންކާއަށް ބަނދަރުކުރުމުގެ ހުއްދައަށްވެސް ފެބްރުއަރީ 26 ވަނަ ދުވަހު އެދުނު ކަމަށެވެ. ނަމަވެސް އީރާނަށް ހުއްދަ ދީފިނަމަ އެމެރިކާއަށްވެސް ހުއްދަ ދޭންޖެހޭނެތީ އެއްވެސް ފަރާތަކަށް ހުއްދަ ނުދިނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އިންސާނީ އެހީތެރިކަމުގެ ގޮތުން އީރާނުގެ އެހެން ބޯޓެއް ކަމަށްވާ 'އައިއާރުއައިއެސް ބޫޝެހެރް' ޓްރިންކޮމަލީއަށް ބަނދަރުކުރުމުގެ ހުއްދަ ފަހުން ދީފައިވެއެވެ. ދިސާނާޔަކަ މިކަން ހާމަކުރައްވާފައިވަނީ، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯއާ ބައްދަލުކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. މި މައްސަލައާ ގުޅިގެން ދުނިޔޭގެ ބޮޑެތި ނޫސްތަކުން އަންނަނީ ލަންކާގެ މި ނިންމުމަކީ ސަރަޙައްދީ ހަމަޖެހުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރިޕޯޓުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ