މޯޗަރީ ކައިރީ ހުރި ގުދަނުގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސަބުނަމްހައުސް / ލ.މާބައިދޫ، ހުސައިން ޝަހްބާން (29އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ ގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި ކަމަށާއި އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ރޯވި ހާދިސާ ރިޕޯޓްކުރުމުން ފަޔާ އެންޑް ރެސްކިއު އިން އަލިފާންގަނޑު ނިއްވާލުމަށް ހަރަކާތެރިވެފައި ވަނީ އެދުވަހުގެ 11:00 ހާއިރެވެ. އެ އަލިފާންގަނޑު ރޯވެ ބޭރަށް ހުޅުފަޅައިގެން ދާ މަންޒަރު ފެނިފައިވާ އިރު އަލިފާންގަނޑުގެ ދުންތައް އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.
މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އަދި މިހާތަނަށް މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ