ރިޔާސީ ދައުރު ދިގު ކުރާކަށް ނޫޅެން، ނުވެސް ކުރާނަން: ރައީސް

ރިޔާސީ ދައުރު ދިގުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، އެއީ ކުރައްވަވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި ބަދަލު ގެންނަން އުޅެނީ ރިޔާސީ ދައުރު ދިގުކުރުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޒުވާނުންނާއެކު ރޭ ބޭއްވި އިވެންޓެއްގައި ރައީސް ވިދާޅުވީ ރިޔާސީ ދައުރު އަދި ދަންމާލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ރައްޔިތުން ކައިރިން އަހާ ވޯޓުގައި އޮތީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކޮށްލާފައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.
”މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގުކުރާ ވާހަކައެއް، ކުރު ކުރާ ވާހަކައެއް. އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން،“ ރައީސް ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހަރަދު ކުޑަވުމުގެ އިތުރުން ދެ ބާރު އިތުރަށް ވާނީ ފުރިހަމަ ކަމަށާއި އެގޮތުން ސުޕަ މެޖޯރިޓީ ހޯދުން ވެސް މިއާއެކު ނިމުމަކަށް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ