އޭއައި ފީޗާތަކާއެކު "ސެމްސަންގް ވިންޑޯޒް ބްރައުޒާ" ތައާރަފުކޮށްފި
ސެމްސަންގް ކުންފުނިން އެ ކުންފުނީގެ ވެބް ބްރައުޒާ، "ސެމްސަންގް ބްރައުޒާ ފޯ ވިންޑޯޒް" ގެ ނަމުގައި އޭއައި ފީޗާތަކާއެކު ޕީސީތަކަށް ތަޢާރަފުކޮށްފިއެވެ. ކުރިން ހަމައެކަނި ސެމްސަންގް ސްމާޓްފޯނުތަކަށް ޚާއްޞަކޮށްފައިވާ މި ބްރައުޒާ މިހާރު ކޮމްޕިއުޓަރުތަކުން ވެސް ބޭނުންކުރެވޭނެއެވެ. ސެމްސަންގުން ބުނާ ގޮތުގައި މި ބްރައުޒާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ފޯނާއި ޕީސީ ގުޅުވާލަ ދިނުމަށާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ފީޗާތަކަށެވެ. މި ބްރައުޒާ ޑައުންލޯޑު ކުރެވޭނީ ވިންޑޯޒް 11 އަދި ވިންޑޯޒް 10 (ވާޝަން 1809 އިން ފެށިގެން މަތީގެ) އޮޕަރޭޓިން ސިސްޓަމްތައް ބޭނުންކުރާ ޕީސީތަކަށެވެ. މީގައި ހިމެނޭ އޭއައި ފީޗާތައް މިވަގުތު ލިބެނީ ހަމައެކަނި ދެކުނު ކޮރެއާ އަދި އެމެރިކާގައި --- އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މީގައި ހިމެނޭ އޭއައި ފީޗާތައް މިވަގުތު ލިބެނީ ހަމައެކަނި ދެކުނު ކޮރެއާ އަދި އެމެރިކާގައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ޤައުމުތަކަށް ވެސް މި ޚިދުމަތް ފުޅާކުރާނެކަމަށް ވަނީ ބުނެފައެވެ. ސެމްސަންގް ބްރައުޒާ ފޯ ވިންޑޯޒް ފަރުމާކޮށްފައި ވަނީ މޮބައިލް އަދި ޕީސީ ބްރައުޒިން ގުޅުވާލަދޭ ގޮތަށެވެ. އެގޮތުން ފޯނުން ބަލަމުންދިޔަ ޕޭޖުތަކާއި، ބުކްމާކްސް އަދި ބްރައުޒިން ހިސްޓްރީ، ހަމަ އެހިސާބުން ޕީސީއިން ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން މީގައި "ސެމްސަންގް ޕާސް" ހިމެނިފައިވުމުން، ޕާސްވޯޑުތަކާއި ލޮގިން މަޢުލޫމާތު ރައްކާތެރިކަމާއެކު ބަހައްޓައި، ޕީސީގައި ފަސޭހައިން އޮޓޯފިލް ކުރެވޭނެއެވެ. މި ބްރައުޒާގެ އެންމެ ޚާއްޞަ އެއް ސިފަޔަކީ މީގައި ހިމެނޭ "އޭޖެންޓިކް އޭއައި" ގެ ކުޅަދާނަކަމެވެ. ޕާޕްލެކްސިޓީއާ ގުޅިގެން ތަރައްޤީކޮށްފައިވާ މި ބިލްޓް-އިން އޭއައި އެސިސްޓެންޓަށް، އިންސާނުން އާދައިގެ މަތިން ވާހަކަދައްކާ ބަހުރުވައިން ކުރާ ސުވާލުތައް ދެނެގަނެވޭނެއެވެ. އަދި "މަލްޓި-ޓެބް ކޮންޓެކްސްޓް އެވެއާނަސް" ފީޗާ މެދުވެރިކޮށް، އެއްފަހަރާ އެކި ޓެބްތަކުގައިވާ މަޢުލޫމާތުތައް އަޅާކިޔައި، އެއް ތަނަކުން ޚުލާޞާކޮށް ދައްކައިދޭނެއެވެ. މި ފީޗާތަކާއެކު ބްރައުޒާއިން ބޭރަށް ނުގޮސް، ލިޔުންތައް ޚުލާޞާކުރުމާއި، ޓެބްތައް މެނޭޖުކުރުމާއި، މަޢުލޫމާތު ހޯދުން ފަސޭހަވެގެންދާނެއެވެ. މިސާލަކަށް، ވެބް ޕޭޖެއްގައިވާ މަޢުލޫމާތަށް ބިނާކޮށް ދަތުރުކުރާނެ ގޮތުގެ ޕްލޭނެއް (އިޓިނަރަރީއެއް) ހަދައިދިނުމަށް އޭއައިގެ ކިބައިން އެދެވިދާނެއެވެ. އަދި ވަކި ކީވޯޑުތަކެއް ނުވަތަ ތާރީޚުތަކެއް ބޭނުންކުރުމުގެ ބަދަލުގައި، ވީޑިއޯތަކުގެ ތެރެއިން ވަކި ޚާއްޞަ ތަންކޮޅެއް ހޯދުމާއި، ކުރިން ވަދެފައިވާ ޕޭޖުތައް އާދައިގެ އިބާރާތަކުން ލިޔެގެން ހޯދުމުގެ ޤާބިލުކަންވެސް މި ބްރައުޒާގައި ހިމެނޭކަމަށް ސެމްސަންގުން ބުނެއެވެ. ސެމްސަންގް އިންޓަނެޓް (ނުވަތަ ސެމްސަންގް ބްރައުޒާ) އަކީ ފާއިތުވި ގިނަ އަހަރުތަކެއްގައި ސެމްސަންގް ގެލެކްސީ ސްމާޓްފޯނުތަކާއި ޓެބްލެޓްތަކުގައި އެންމެ އާންމުކޮށް ބޭނުންކުރަމުން އަންނަ ޑިފޯލްޓް ވެބް ބްރައުޒާއެވެ. ގޫގުލް ކްރޯމް އަދި މައިކްރޯސޮފްޓް އެޖް ފަދައިން މިއީވެސް 'ކްރޯމިއަމް' އިންޖީނުގެ މައްޗަށް ބިނާކޮށް ތަރައްޤީކޮށްފައިވާ ބްރައުޒަރެކެވެ. ފޯނުގައި ހުންނަ ބުކްމާކްސްތަކާއި، ބްރައުޒިންގ ހިސްޓްރީ އަދި ޕާސްވޯޑުތައް ފަސޭހަކަމާއެކު ކޮމްޕިއުޓަރާ ގުޅުވާލުމަށްޓަކައި މީގެ ޕީސީ ވާޝަނެއް ނެރުމަކީ ސެމްސަންގް ޑިވައިސްތައް ބޭނުންކުރާ ގިނަ ބަޔަކު ވަރަށް ކުރިއްސުރެ އެދެމުން އައި ކަމެކެވެ. މީގެ އިތުރުން، ޕާޕްލެކްސިޓީ އާ ގުޅިގެން މި އައު ބްރައުޒާގައި އޭއައިގެ ޚިދުމަތްތައް ހިމެނުމަކީ، ސެމްސަންގުން މިހާރު ކުރިއަރުވަމުންދާ "ގެލެކްސީ އޭއައި" އިކޯސިސްޓަމް އިތުރަށް ފުޅާކޮށް، މައިކްރޯސޮފްޓް އެޖްގައި ހިމެނޭ 'ކޯޕައިލެޓް' އަދި ގޫގުލް ކްރޯމްގައި ހިމެނޭ 'ޖެމިނައި' އޭއައި އާ ވާދަކުރުމުގެ ގޮތުން ބްރައުޒާ މާކެޓުގައި އެކުންފުނިން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ