ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސ. ފޭދޫ، މީހެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32އ) 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިކަމުަައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި ހުކުމް އިއްވާފައިވަނީ 2026 އޭޕްރީލް 7 ވަނަ ދުވަހުކަމުގައި އެ އިދާރާއިން ވިދާޅުވިއެވެ.
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 އޮގަސްޓް 19 ވަނަ ދުވަހު ކަމަށާއި މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 އޮކްޓޫބަރު 16 ވަނަ ދުވަހުކަމުގައި ފުލުހުން ވިދާޅުވިއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ