ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ކުޑަކޮށް، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ.
އެނގުން މުހިންމު - ޕީސީބީއިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން އެންގިއިރު، އޭޕްރީލް 4ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުން ވަނީ ގިނަ އަދަދަކަށް އާ ވަޒީފާ އުފައްދައި، މުވައްޒަފުން ނަގައިފަ އެވެ.
އޭގެ ތެރޭގައި އެމްޓީސީސީ، އާރުޑީސީ އަދި ވެމްކޯ ހިމެނެ އެވެ.
ވީ ކިހިނެއް؟ - ޕީސީބީއިން ސަރުކާރު ކުންފުނިތަކަށް ހަރަދު ކުޑަކުރަން އެންގީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދީ ގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް ޕީސީބީއިން ވަނީ ސަރުކާރު ކުންފުނިތަކަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން އަންގައިފަ އެވެ.
ނަމަވެސް އެ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ކުޑަކުރުމާއި ޕްރޮމޯޝަން ދިނުން ހުއްޓާލުން ނުހިމެނެ އެވެ.
ތަފްސީލު - އާ ފިޔަވަޅުތަކެއް އަޅަން ޕީސީބީއިން ސަރުކާރު ކުންފުނިތަކަށް އެންގީ އިއްޔެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރަން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން
ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުން
ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި އެ ކުންފުންޏަކުން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތައް ކަމަށް ވިޔަސް އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން
ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރަން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން
ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީން ކުރުމުގެ ފިޔަވަޅުތައް އެޅުން
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް ފިޔަވަޅު އެޅުން؛ މިފަދަ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ސަމާލުކަން ދިނުން
ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުން؛ ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް އެތަކެތި ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ހަރަދު ވީހާ ވެސް ކުޑަކުރުން
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ޕީސީބީއިން ސަރުކާރު ކުންފުނިތަކަށް އަޅަން އެންގި ފިޔަވަޅުތަކަކީ:
ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން
ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިކޮށް ބައްދަލުކުރުން
ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައި ވެސް ބިޒްނަސް ކުލާހުން ދަތުރު ނުކުރުން
ދަތުރުގެ ހުރިހާ ހަރަދުތައް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާ ވެސް ކުޑަކުރުން
ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިން ދަތުރުތައް މިވަގުތަށް ހުއްޓާލައި، އެެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
ފެރީގެ ހިދުމަތްތައް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން
ކުންފުނި ހިންގުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ، ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމާއި ކަރަންޓުގެ ހަރަދު ކުޑަކުރުން
މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ޕްރޮމޯޝަން ނުދޭން ސަރުކާރު ކުންފުނިތަކަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ