ދިވެހި ރައްޔިތުން ފަހަށް ރައްކާކޮށްފައިވާ 30 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕެންޝަން ފަންޑާ މެދު ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކަކީ ރައްޔިތުންގެ ފައިސާއަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން މިހެން ވިދާޅުވީ، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން އުއްޔެ ނިންމި ނިންމުމާމެދު ގިނަ ބަޔަކު ކަންބޮޑުވެ، ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށެވެ.
އިމްރާން ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން ފަންޑު ހިންގަވަން ތިއްބެވި އެންމެ ތަޖުރިބާކާރު ސީއީއޯ އާއި، ބޯޑުގެ ޗެއަރޕާސަން ހިމެނޭގޮތަށް މާލީ ދާއިރާގެ އެންމެ ފުންނާބު އުސް މާހިރުން ދެއްވި ނަސޭހަތް ގަބޫލުނުކޮށް ސަރުކާރުން ދަނީ ގަދަފައި ވިއްދާފައި ކުރިއަށެވެ. މިއީ ރައްޔިތުންގެ އަމާނާތަކަށް ވެވޭ ބޮޑު އިހުމާލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"މިރާއްޖެ މިއަދު މިދެކޭ ޕެންޝަންގެ ނިޒާމު ފައްކާކުރުމުގައި ފެށުނީއްސުރެ ހިދުމަތްކުރެއްވި ސީއީއޯ އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަންނެވުމަކީ މިކަމުގައި އޮތް ބިރުވެރިކަން ވަރަށްބޮޑަށް ހާމަކޮށްދޭ ކަމެއް،" އިމްރާން ވިދާޅުވިއެވެ.
ޕެންސަން އޮފީހަށް ފާޑުކިޔުން އޮހެން ފެށުމުން އިއްޔެ އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.
ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށެވެ. މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު މޮޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ދައްކަނީ މި އިންވެސްޓުމަންޓުން ޑޮލަރު ލިބުމެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ،" ޕެންޝަން އޮފީހުގައި ބަޔާނުގައި ބުންޏެވެ.
ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ބޯޑުގައި ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މި މުއާމަލާތުގެ ސަބަބުން އިގުތިސޯދަށް ހުރި ހިރާސްތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ އަގު އުފުލުމާއި ތަކެތީގެ އަގު އުފުލުން ހިމެނެ އެވެ.
ޕެންޝަން ފަންޑަށް އަތްބޭނުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ހިޔާނާތެއް: އިމްރާން ޕެންޝަން ފަންޑަށް އަތްބޭނުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ހިޔާނާތެއް: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ