ނުކުޅެދުންތެރިކަން ހުންނަ ފަރާތްކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް ބޭނުންކުރާ "ޝާމިލް ލޯގޯ" ދޫކުރަން ފަށައިފިއެވެ.
މިލޯގޯއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އެފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް 2025 ވަނަ އަހަރު އިފްތިތާޙް ކުރެވިފައިވާ ލޯގޯއެކެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެ ލޯގޯއެކެވެ. މި ލޯގޯ ބޭނުންކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތީގައި މި ލޯގޯ ހަރުކުރެވި، އެއީ އެފަދަ ފަރާތަކުން އުފެއްދި އެއްޗެއްކަން މުދާ ގަންނަ ފަރާތްތަކަށް އެނގޭނެއެވެ. އެހެންކަމުން އެ ތަކެތި ގަނެގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވިޔަފާރިއަށް އެހީތެރިވުމުގެ ފުރުޞަޠު ޢާންމުންނަށް ފަހިވާނެއެވެ. އަދި އެއާއެކު އެ އުފެއްދުން އުފެއްދި ނުކުޅެދުންތެރިކަން ހުރި ފަރާތަށް ވިޔަފާރީގެ ފައިދާ ލިބި އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި މުޖުތަމަޢުގައި ޝާމިލްވުން އިތުރު ކުރުމުގެ ފުރުޞަޠު މިހާރަށްވުރެ ބޮޑަށް ފަހިވާނެއެވެ.
އުފެއްދުންތަކުގައި މި ލޯގޯ ޖެހުމަށް އެދި ހުށަހެޅުމުގެ ޝަރުޠުތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއްކަމުގައިވުމާއި، ހުށަހަޅާ އުފެއްދުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހަކު އަމިއްލައަށް ތައްޔާރުކޮށްފައިވާ އުފެއްދުމަކަށްވުން އަދި ތައްޔާރުކުރެވޭ އުފެއްދުމަކީ ހުއްދައެއް ނަގަންޖެހޭފަދަ އުފެއްދުމެއްނަމަ، މުއްދަތު ހަމަނުވާ ހުއްދައެއް އޮތުމުގެ އިތުރުން އެ އުފެއްދުމަކީ ކެއިން ބުއިމުގެ ބާވަތެއްނަމަ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ ހުއްދަ ހޯދުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައޝަތު ޝިހާމް ވިދާޅުވީ އިޤްތިސާދީ ބާރުވެރިކަމުގެ ތެރެއިން މި ފަދަ ލޯގޯއެއް ފަރުމާކުރެވި ޖަހާފައިވާނަމަ އެގަންނަ ފަރާތްތަކަށް އެހަދާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްކަން އެނގޭނެކަމަށެވެ. އަދި އެތަކެތި ގަންނަ މިންވަރުވެސް އިތުރުވާނެކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
" މިހާރު އެއަރޕޯޓާއި މިތަން ތަނުން އަޅުގަނޑުމެންނަށް ކުރިއެރުމެއް ވަނީ ލިބިފައި. ދާދިފަހުން އަޅުގަނޑުމެންނަށް ޤަބޫލްކުރެވޭ ރާއްޖެއިން ބޭރުގައި ހުރި ތަންތަނުގައިވެސް ޔޫން.އެން ތަންތަނުގައިވެސް އެބަހުރި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އެއްޗެތި ގޮސްފައި ބަހައްޓާފައި. އަޅުގަނޑުމެން އޭގެ މަޝްވަރާތަކެއްވެސް އެބަކުރެވޭ ޝާމިލް ލޯގޯ ޖެހިފައި ހުރި ވަރަށް ރީތި އަތްތެރި މަސައްކަތް އެތަންތަނައްވެސް ގެންދެވޭތޯ" ވަޒީރު ވިދާޅުވިއެވެ.
ޝާމިލް ލޯގޯގެ އެޕްލިކޭޝަން ފޯމު ބީސީސީގެ ވެބްސައިޓު bcc.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. ފޯމް ފުރުމަށްފަހު [email protected] އަށް އީމެއިލް ކުރުމުން އެޕްލިކޭޝަން ޕްރޮސެސް ކުރެވޭނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްކުގެ ތަކެތި މާކެޓް ކުރުމަށް ޚާއްސަ ލޯގޯ ދޫކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ