ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ހިންގާ ޕީއެންސީއަށް ދީފި ނަމަ ޑޮލަރުގެ އަގު 15.42 ރުފިޔާއަށް ވުރެ ވެސް ތިރި ކުރާނެ ކަމަށް ވިދާޅުވެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވައުދެއް ވެވަޑައިގެންނެވިތާ ދެ އަހަރު ފުރެން ކައިރިވެއްޖެ އެވެ.
މިއަދު ޑޮލަރު ގަންނަން ލިބެނީ 20.10 ރުފިޔާއަށެވެ. ޑޮލަރުގެ އަގު 20 ރުފިޔާއަށް ވުރެ މަތީގައި އުޅޭތާ ވެސް މިހާރު އަހަރެއްވާން ކައިރިވަނީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޑޮލަރުގެ އަގު ދާނީ މަތިވަމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ޑޮލަރުގެ އަގު 15 ރުފިޔާ 42 ލާރިއަށް ވުރެ ވެސް ބޮޑަށް ތިރި ކުރާނެ ކަމަށް ސައީދު ވިދާޅުވީ މަޖިލިސް ކެމްޕެއިނުގައި ލ. މާވަށުގައި ވާހަކަ ދައްކަވަމުންނެވެ.
"ހަމައެކަނި އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވިޔަސް ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވަރުގަދަވެގެންދާނެ. ކޮބައިތޯ ނަތީޖާއަކަށް ވާނެ ކަމަކީ. 15.42 އަކަށްވުރެ ވެސް ޑޮލަރު ރޭޓް ދަށަށް ދިޔުމެއް ނޫންތޯ މުސްތަގުބަލުގައި،" ސައީދު އެއިރު ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ވިސްނުން ހުރީ ޑޮލަރުގެ އަގު ފްލޯޓު ކުރަން ކަމަށް މި ފަހުން ވަނީ ހާމަވެފަ އެވެ. އެއިރުން މިއަށްވުރެ ވެސް ޑޮލަރުގެ ރޭޓު މަތިވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު، އެގޮތަށް ހެދުމުން ޑޮލަރުގެ އަސްލު އަގު ހާމަވެ، އިގްތިސާދުގެ ހަގީގީ ބުންވަރު ވެސް އެނގިގެންދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ޑޮލަރުގެ ތާށިކަމާ ހެދި، ކާބޯތަކެތި އަގުބޮޑުވަމުންދާ ކަމަށް ވެސް އިދާރާތަކުން ދަނީ ބުނަމުންނެވެ. މިދިޔަ އަހަރަކީ ވެއެތުވެދިޔަ 13 އަހަރު ތެރޭގައި ވެސް އިންފްލޭޝަން އެންމެ މައްޗަށް ދިޔަ އަހަރެވެ.
މި އަހަރަކީ ރާއްޖެއިން ރެކޯޑު އަދަދަކަށް އެއް ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ދައްކަންޖެހޭ އަހަރެކެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަޔަކީ މީގެ ކުރިން ސަރުކާރުން ވިއްކާފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކެވެ. ބޮޑު ދަރަނި ދައްކަން ނިކަން އަގުބޮޑު ރޭޓެއްގައި އިތުރު ލޯނެއް ހޯދަން ވެސް ސަރުކާރުން އެބަ މަސައްކަތް ކުރެ އެވެ.
މެޖޯރިޓީ ދިނުމުން ޑޮލަރުގެ އަގު 15.42 އަށް ވުރެ ވެސް ތިރިކުރާނެ ކަމަށް ވިދާޅުވެ ސައީދު ވީ ވައުދަށް ދެ އަހަރު ވަނީ މެޖޯރިޓީ ދިނުމުން ޑޮލަރުގެ އަގު 15.42 އަށް ވުރެ ވެސް ތިރިކުރާނެ ކަމަށް ވިދާޅުވެ ސައީދު ވީ ވައުދަށް ދެ އަހަރު ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ