އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް އަކްރަމާއި އިބްރާހީމް ނެގި ކަމުގެ ތުހުމަތު ކޮށްފި
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި, ކަމަށް މިނިސްޓަރު ރޭ ތުހުމަތުކުރައްވައިފިއެވެ. ކުރު ސީސީޓީވީ ފުޓޭޖަކާ އެކު، މިނިސްޓަރު ރޭ ދަންވަރު ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށެވެ. https://x.com/min_mohst/status/2027135479750209837 މިނިސްޓަރު ހާމަކުރެއްވި ވީޑިއޯއިން ފެންނަ ގޮތުގައި، އިބްރާހިމް ވަހީދު ވީޑިއޯއެއް ނަގާއިރު، އަކްރަމް ކައިރީގައި ހުންނަވައެވެ. އަދި، އިތުރު މީހަކު އެ ދެމީހުން ކައިރީ ސައިކަލެއްގައި މަޑުކޮށްލައިގެން އިންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ. ކާކުކަން ނޭނގޭ އެކައުންޓަކުން އެ ދެ މީހުން ނެގި ވީޑިއޯ ޕޯސްޓުކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ވީޑިއޯއިން ފެންނަނީ، މާލޭގެ މަގެއް މަތިން އަންހެނަކާއި ކުޑަ ދެ ކުދިން ދާ މަންޒަރެވެ. އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، ކައިރީގައި ފިރިހެނަކު ހުންނަ މަންޒަރު ފެނެއެވެ. އެ ވީޑިއޯގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެ މީހަކީ، ބޮޑީ ގާޑެކެވެ. އިހުސާން ވިދާޅުވީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ ބަޔަކު އެފަދަ 'ދަށު ދަރަޖައިގެ' ކަންކަން ކުރުމަކީ ހިތަމާހުރި ކަމެއް ކަމަށެވެ. އަދި، އެމްޑީޕީއަކީ، ޒަމާނުއްސުރެ މުޖުތަމައު ބައިބައިކުރުމުގެ ސިޔާސީ އަމަލުތައް ދައްކާ ޕާޓީއެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ. މި ކަމާ ގުޅިގެން މިހާތަނަށް އަކްރަމާއި އިބްރާހިމް ވަހީދުގެ ބަހެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ