ޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް އެމްޑީޕީއާއި ޕީއެންއެފްއަށް އަންގައިފި

އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސިޔާސީ ހަރަކާތްތައް ނުހިންގުމަށް ދެ ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އިލްތިމާސްކޮށް ސިޓީ ފޮނުވާފައިވަނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްއަށެވެ.
މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން އިލެކްޝަންސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުން އެދި އިލެކްޝަންސް ކޮމިޝަނުން މި ޕާޓީތަކަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން ވަނީ ބަޔާންކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވެއެވެ.
މި ސިޓީގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޕާޓީތަކުގެ ވެރިންނާއި، މެންބަރުންނާއި، ޕާޓީތަކަށް މަސައްކަތް ކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑު ނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި، ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ވަނީ ނަސޭހަތްތެރިވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިކަންކަން ނުކޮށް ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން މަރުޚަބާ ކިޔާނެ ކަމަށެވެ. އަދި އެކޮމީޝަނުން މިކަން ޕާޓީތަކަށްވެސް ވަނީ އަންގާފައެވެ.
މިފަހަކަށް އައިސް އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފުވާނެ ހަރަކާތްތަކެއް އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ފެނިގެންދާއިރު މިކަމުގެ ކަންބޮޑުވުން އާންމު ފަރާތްތަކުންވެސް ވަނީ ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ