ކާތިކްގެ ފެންޓަސީ ކޮމެޑީ 'ނާގްޒިލާ' ރިލީޒްކުރުން ފަސްކޮށްފި

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން މަސައްކަތް ފަށާފައިވާ ފެންޓަސީ ކޮމެޑީ ފިލްމު "ނާގްޒިލާ" ރިލީޒްކުރުން މި އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ، މިރްގްދީޕް ސިންގް ލަމްބާ ޑައިރެކްޓްކުރާ މި ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިއަހަރުގެ އޯގަސްޓް މަހުގައެވެ. ނަމަވެސް، އެންމެ ފަހުގެ މަޢުލޫމާތުތައް ބުނާ ގޮތުން މި ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރާ ގޮތަށް ނިންމާފައެވެ. މި ފިލްމު ރިލީޒްކުރުން ފަސްކުރި މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، ވަރުން ދަވަންގެ "ބޭޅިޔާ 2" ވެސް އޮގަސްޓް މަހު ރިލީޒްކުރާގޮތަށް ނިންމުމާ ގުޅިގެން ކަމަށެވެ. ދެ ފިލްމު އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމައިފިނަމަ މިއީ ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށްދާން ޖެހިދާނެ ކަމަކަށްވެފައި އެކަމުން ސަލާމަތްވުމަށް ކަރަންގެ ފިލްމު ފަސްކުރީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ފިލްމު "ނާގްޒިއްލާ"ގެ ޕްރޮޑަކްޝަން ޓީމް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ފިލްމު "ނާގްޒިއްލާ"ގައި ކާތިކް ފެންނާނީ އިންސާނަކު ނާގަ ހަރުފައަކަށް ބަދަލުވާ ކެެރެކްޓާއިންނެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ "ނާގް ލޯކް"އިން އަންނަ ރޫޙާނީ މަޚްލޫޤަކަށް ކުރިމަތިވާ ނުރައްކާތަކެއްގެ މައްޗަށެވެ. މިއީ ތިން ބަޔަކަށް ބަހާލައިގެން އުފައްދާ ސީރީޒެއްގެ ފުރަތަމަ ފިލްމެވެ. ކާތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ އަނަންޔާ ޕާންޑޭއާ އެކު ކުޅުނު ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ