ބަތަލާ ޑެއިޒީ ޝާހް 'ދަ ހެލްސިއޯން މޯލްޑިވްސް'ގައި

އިންޑިއާގެ ބަތަލާ ޑެއިޒީ ޝާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ސޯޝާލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފިއެވެ. ފިލްމު "ރޭސް 3" އަދި "ޖޭ ހޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޑެއިޒީ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ދަ ހެލްސިއޯން ޕްރައިވެޓް އައިލްސް މޯލްޑިވްސްގައި ނަގާފައިވާ ގިނަ ފޮޓޯތަކާއި ވީޑިއޯތަކެއް އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. އިއްޔެއިން ފެށިގެން ޑެއިޒީގެ އިންސްޓަގްރާމް ޕޯސްޓުތަކާއި، ސްޓޯރީ އަދި ރީލްސްތަކުގައި ރާއްޖޭގެ ހިތްގައިމު މައްޒަރުތައް ހިއްސާކުރަމުންދާއިރު ބެލެވޭ ގޮތުގައި ބަތަލާ ރާއްޖެ އައިސްފައި ވަނީ ވެސް އިއްޔެގެ ވަގުތެއްގައެވެ. ޑެއިޒީ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ހިތްގައިމުކަމާއި ރާއްޖޭގެ ރީތިކަން ސިފަކޮށްދެމުން ބަތަލާ ބުނީ، ރާއްޖެ އާދެވުމުން ހުރިހާ ކަމެއްވެސް ރަނގަޅުވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އުމުރުން 41 އަހަރުގެ ޑެއިޒީއަކީ ހިންދީ ފިލްމުތަކުގެ އިތުރުން ދެކުނު އިންޑިއާގެ ގިނަ ފިލްމުތަކެއްގައި ވެސް މަސައްކަތް ކުރަމުން އަންނަ ފިލްމީ ތަރިއެކެވެ. ޑެއިޒީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައި-- ފޮޓޯ/ އިންސްޓަގްރާމް ޑެއިޒީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭ "ހޭޓް ސްޓޯރީ 3"، "މިސްޓްރީ އޮފް ދަ ޓެޓޫ" އަދި މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު "ބިހޫ އެޓެކް" ހިމެނެއެވެ. ހަމައެއާއެކު ޑެއިޒީއަކީ ބައެއް ޓެލެވިޒަން ސީރީސްތަކާއި ރިއަލިޓީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އެގޮތުން ޑެއިޒީ ދެން އެންމެ އަަވަހަށް ފެންނާނީ މިހާރު ޕޯސްޓު-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ދަ ގޯސްޓް އޮފް ގާންދީ"ގެ ނަމުގައި އުފައްދާ ވެބް ސީރީސްއިންނެވެ. މިފަހަކަށް އައިސް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ އިންޑިއާގެ ފިލްމީ ތަރިން ވަރަށް ގިނައެވެ. ޚާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފިލްމީ ތަރިން ގިނަވެފައިވާއިރު ދާދިފަހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އިންޑިއާގެ ފިލްމީ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރުގެ ދެމަފިރިންނާއި، ސޮނާކްޝީ ސިންހާގެ ދެމަފިރިންގެ އިތުރުން ރަކުލް ޕްރީތު ސިންގް ހިމެނެއެވެ. އަދި ބައެއް ޓީވީ ތަރިންވެސް ވަނީ ދާދި ފަހުން ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. އޭގެތެރޭގައި ހީނާ ޚާން، ޝަހީރު ޝައިހް އަދި ޖޭސްމިން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ