ސެމްސަންގްގެ 'ޓްރައި-ފޯލްޑް' ފޯނު ޓެސްޓަކުން ފެއިލްވެއްޖެ

ސެމްސަންގް ކުންފުނިން ދާދި ފަހުން ބާޒާރަށް ނެރުނު، ދުނިޔޭގެ ފުރަތަމަ ތިން ފަތްޖެހި ސްމާޓްފޯން ޓެސްޓަކުން ފެއިލް ވެއްޖެއެވެ. ސެމްސަން "ގެލެކްސީ ޒެޑް ޓްރައި-ފޯލްޑް" ގެ ވަރުގަދަކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި ވަނިކޮށް، މަޝްހޫރު ޔޫޓިއުބް ޗެނަލް "ޖެރީ ރިގް އެވްރީތިން" އިން ހެދި ޑިއުރަބިލިޓީ ޓެސްޓުތަކުން މި ފޯނު ފެއިލްވެ، ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. މި ޓެސްޓުގައި ފާހަގަކުރެވުނު ގޮތުގައި ފޯނުގެ ބޭރު ސްކްރީނަށްވުރެ އެތެރޭގެ ބޮޑު ސްކްރީން މާ ނާޒުކެވެ. ޕްލާސްޓިކުން އުފައްދާފައިވާ އެތެރޭގެ ސްކްރީންގައި ނިޔަފައްޗަކުން ނުވަތަ ތަޅުދަނޑިއަކުން ޖެހިލިޔަސް ފަސޭހައިން ފާހަގަވާކަން ޒެކް ނެލްސަން ކުރި ޓެސްޓުން ވަނީ ދައްކާފައެވެ. އަލިފާނުގެ ހޫނަށް ކެތްކުރޭތޯ ބެލުމަށް ހެދި ޓެސްޓުގައި، ފޯނުގެ އެތެރޭގެ ސްކްރީން ވަނީ އެންމެ 10 ސިކުންތުގެ ތެރޭގައި އަނދައި ޕިކްސަލްތައް ހަލާކުވެފައެވެ. އަދި ބޭރު ސްކްރީނަށް ވެސް ހޫނުގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބި، އަމިއްލައަށް ރަނގަޅުވެފައެއް ނުވެއެވެ. ފޯނުގެ ހިންޖު (ހުޅުފަތް) ތަކުގެ ތެރެއަށް ވެލި އެޅުމުން، ފޯނު ފަތްޖަހާލާއިރު ބިރުވެރި އަޑުތަކެއް އިވޭން ފެށިކަން ވެސް ޓެސްޓުގައި ފާހަގަކުރެވުނެވެ. މީގެ އިތުރުން ފޯނުގައި ހުންނަ ދަގަތްފާނުތަކުގެ ސަބަބުން ސްކްރީންގެ މައްޗަށް ގިނަ އަދަދަކަށް ހިރަފުސް ޖަމާވާކަން ވެސް ވަނީ އެނގިފައެވެ. މި ހުރިހާ ކަމަކަށްވުރެ ބޮޑަށް ފާހަގަވީ ފޯނު ލަންބާލުމަށް ހެދި 'ބެންޑް ޓެސްޓު' އެވެ. ފޯނު ފަހަތަށް ލަންބާލުމާއެކު ބާރު އަޑެއް އިވި، މުޅި ސްކްރީން ކަޅުވެ ފޯނު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. ޒެކް ބުނި ގޮތުގައި ފޯނު ބިންދައިގެން ދިޔުމަށް މެދުވެރިވީ ފޯނުގެ ފްރޭމް ތުނިވުމުގެ ސަބަބުންނެވެ. މިއީ ޒެކް ނެލްސަންގެ މިފަދަ ޓެސްޓަކުން ސެމްސަންގްގެ އުފެއްދުމެއް ފެއިލްވި ފުރަތަމަ ފަހަރެވެ. ސެމްސަންގުން މި ފޯނަކީ ވަރުގަދަ ފޯނެއް ކަމަށް ބުނި ނަމަވެސް، މި ޓެސްޓުގެ ނަތީޖާއާއެކު ގިނަ ބައެއްގެ މެދުގައި މިހާރު ވަނީ ފޯނުގެ ވަރުގަދަކަމާ މެދު ކަންބޮޑުވުން އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ