އައްސޭރި ޖަލުގެ ބައެއް ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ބައެއް, ހުކުމް ނުކުރާ މީހުން ބަންދުގައި ބައިތިއްބާ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްސޭރި ޖަލުގެ ޔުނިޓު ދޭއްގެ ވިންގު އެކަކީ ރިމާންޑް ޖަލެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަމަޖައްސަވަން މިނިސްޓަރު އަލީ އިހްސާން ނިންމަވާފައިވާ ކަމަށެވެ. އެ ޖަލުތައް ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުން ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ. އައްސޭރި ޖަލުގައި އާއްމުކޮށް ތިބެނީ އެކިއެކި ކުށްތައް ސާބިތުވެ, ހުކުމް ތަންފީޒު ކުރަމުން ދާ, އެހާ ނުރައްކާތެރި ނޫން ކުށްވެރިންނެވެ. އެ ޖަލުގައި އާއްމުކޮށް ދަނޑުހެއްދުންފަދަ މަސައްކަތްތައް ކުރުމުގެ ފުރުސަތު ގައިދީންނަށް އޮންނަނީ ދީފައެވެ. މިއަހަރުގެ ޖުލައި މަހު ވަނީ އައްސޭރި ޖަލުގައި ކުޑަކުދިންނަށް ޚާއްސަ ފެސިލިޓީއެއް ވެސް ގާއިމު ކޮށްފައެވެ. އިތުރު ރިމާންޑް ޖަލެއް ކަނޑައަޅާފައިވާއިރު އެކި ކުށްކުށުގައި ބަންދު ކުރާ މީހުން ޝަރީއަތް ނިމެންދެން, ނުވަތަ "ވާނުވާ ބަންދުގައި" ބައިތިއްބާ މައްސަލަ މި ފަހުން ވެސް ފެންމަތިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ