ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަ ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ގއ. އަތޮޅުން ހައްޔަރުކުރި ނެޓުވޯކުގައި ހިމެނޭ މީހުންގެ އެކައުންޓުތަކުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުންދާ މި ނެޓުވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށެވެ. އެ މީހުން ހައްޔަރުކުރީ، ފުލުހުން މިހާރު ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު އެވެ.
މި ނެޓްވޯކްގައި ހިމެނޭ މީހުންނާ ގުޅުން ހުރި 10 ދުތަނެއް ބަލައި ފާސްކޮށް މިހާތަނަށް ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލީ ހަތަރު މީހެކެވެ.
އެއީ އެރަށު ޝެވޯނާ، ޝައްފާހް ލަތީފް، 28 އާއި މިއުޒިކީއާގެ، އަހްމަދު މަދީހު، 33 އާއި އައިޒަން، އަހްމަދު އަނާމް އިބްރާހިމް، 30 އަދި އަރާއިރުގެ، ނޫރުއް ނިޒާމް، 35 އެވެ.
ފުލުހުން ބުނި ގޮތުގައި މި ނެޓްވޯކްގެ މެންބަރުންގެ އެކައުންޓުތަކުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެކަނިވެސް 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަދި ހަތަރު ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ބޭންކް އެކައުންޓުތަކަށް ވަދެފައިވާ ފައިސާއާއި އެމީހުންގެ މުސާރައާ ހުރި ފަރަގު ބޮޑުކަން ފުލުހުން ހާމަކުރި އެވެ. އެގޮތުން އަނާމްގެ އެކައުންޓުން 38.8 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، އޭނާގެ މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32ރ. ކަމަށް ފުލުހުން ބުންޏެވެ.
މަދީހުގެ އެކައުންޓުން 17.1 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 430,638.99ރ. ކަމަށާއި ޝައްފާހުގެ އެކައުންޓުން 6.9 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، އޭނާގެ މުސާރައަކީ 371،635.36ރ. ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ނެޓްވޯކްގައި އެކި ގޮތްގޮތުން ބައިވެރިވާ 19 ފަރާތެއް ފުލުހުން ވަނީ ދެނެގަނެފައެވެ. މި ހުރިހާ ފަރާތްތަކުގެ މައްސަލަ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޝައްފާހު އާއި މަދީހާއި އަނާމް އިބްރާހިމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ނޫރުއްނިޒާމްގެ ބަންދަށް ޖެހީ 15 ދުވަހެވެ.
ގއ. އަތޮޅުން ހައްޔަރުކުރި ޑްރަގު ނެޓުވޯކުގެ އެކައުންޓުތަކުގައި 300 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ: ފުލުހުން ގއ. އަތޮޅުން ހައްޔަރުކުރި ޑްރަގު ނެޓުވޯކުގެ އެކައުންޓުތަކުގައި 300 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ