ފިލްމު 'ޙައްޤު' ބެލުމަށްފަހު ކަރަން ވެސް ޔާމީގެ ފޭންއަކަށް ވެއްޖެ ކަމަށް ބުނެފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިނަމާތަކުގައި ރިލީޒްކުރި ބަތަލާ ޔާމީ ގޯތަމް އަދި އިމްރާން ހާޝިމީގެ ފިލްމު "ޙައްޤު" ބެލުމަށްފަހު ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ބަތަލާ ޔާމީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ. ދާދިފަހުން ފިލްމު "ޙައްޤު" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށުމާއެކު ފިލްމު ބެލި ގިނަ ބަޔަކު ވަނީ ބަތަލާ ޔާމީ ފިލްމުގައި ދެއްކި ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށް އެ ފިލްމުގެ މޮޅު ވާހަކަ ދައްކާފައެވެ. ސޯޝަލް މީޑިއާގައި ފިލްމު "ހައްޤު"ގެ ވާހަކަ ޓްރެންޑްވާން ފެށިތާ މާގިނަ ދުވަހެއް ނުވެ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ ކަރަން ވެސް ބުނީ އެ ފިލްމު ބެލުމަށްފަހު ބަތަލާ ޔާމީގެ ފޭންއަކަށް އޭނާ ވެއްޖެ ކަމަށެވެ. ފިލްމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ކަރަން ބުނީ ޑައިރެކްޓަރު ސުޕާން ވަރުމާގެ މަސައްކަތް އޭނާއަށް ވަރަށް ކަމުދިޔަ ކަމަށާއި "ހައްޤު" އެއީ ވަރަށް ވަރުގަދަ މެސެޖެއް މުޖްތަމައަށް ރައްދުކޮށްދިން ފުރިހަމަ ފިލްމެއް ކަމަށެވެ. ޚާއްސަކޮށް ފިލްމުގެ ނިމުން ބެލުމަށްފަހު އޭނާ ފެން ކަޅިވި ކަމަށާއި "ހައްޤު" ސިނަމާތަކުގައި ރިލީޒްކުރި އިރު ބަލަން ނުދެވުމުން އެކަމާ މިހާރު ދެރަވާ ކަމަށް ކަރަން ވަނީ ބުނެފައެވެ. ފިލްމު 'ޙައްޤު"އާ ބެލުމަށްފަހު ކަރަން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓް -- ފޮޓޯ/ އިންޑިއާ ޓުޑޭ މިފަހުން ކަރަން ބެލި އެއްވެސް ފިލްމަކުން އެހާ ވަރުގަދަ ޕާފޮމެންސެއް ފެނިފައި ނުވާއިރު ބަތަލާ ޔާމީ "ޙައްޤު"ގައި ކުޅުނު ކެރެކްޓާ ގެނެސްދިނީ ވަރަށް ފުރިހަމައަށް ކަމަށާއި ބަތަލާއަށް ތައުރީފު ހައްގު ކަމަށް ކަރަން ވަނީ ބުނެފައެވެ. ޔާމީ ފިލްމުގައި ކުޅުނު ޝާޒިޔާ ބާނޯގެ ރޯލަކީ އެކްޓިން ހުނަރު ދަސްކުރާ ކޮންމެ މީހަކަށް ވެސް މާސްޓަ ކްލާހަކަށް ފުދޭނެ ޕާފޮމެންސެއް ކަމަށާއި އެކަމަށްޓައި ބަތަލާއަށް ސެލިއުޓުކުރާ ކަމަށް ކަރަންގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. ހަމައެއާއެކު ފިލްމުގައި އިމްރާން ހާޝިމީ ދެއްކި ޕާފޮމެންސަކީ މިހާތަނަށް އެކްޓަރުގެ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން ކަރަންއަށް އެންމެ ކަމުދިޔަ ޕާފޮމެންސް ކަމަށް ވަނީ ބުނެފައެވެ. ކަރަންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ފިލްމު "ޙައްޤު" ބެލުމަށްފަހު ޔާމީއާއި އިމްރާނަށް ތައުރީފުކޮށްފައެވެ. އޭގެތެރޭގައި ބަތަލާ އާލިއާ ބަޓް އަދި ޑައިރެކްޓަރު ފަރާ ޚާން ފަދަ ފަންނާނުން ހިމެނެއެވެ. ބޮކްސް އޮފީހުގައި ފިލްމަށް މާބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް ޖަންގްލީ ޕިކްޗާސްގެ "ޙައްޤު" ނެޓްފްލިކްސްގައި ރިލީޒްކުރުމާއެކު ފިލްމުގެ މޮޅު ވާހަކަ ބަޔާންކޮށް ގިނަ ބަޔަކު ބުނެފައި ވަނީ އެއީ ކޮންމެ މީހަކުވެސް ބަލާލުން މުހިންމު މޮޅު ފިލްމެއް ކަމަށެވެ. ފިލްމު "ޙައްޤު" އަކީ ތިންފަށް ވަރީގެ މައްސަލައެއްގައި މީގެ 40 އަހަރު ކުރިން އިންޑިއާގައި ކުރިއަށްދިޔަ ޝަރީޢަތެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މިއީ ޔާމީއާއި އިމްރާން އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނުނު ފުރަތަމަ ފިލްމުވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ